ޚަބަރު

އަސްލަމްގެ ކަންބޮޑުވުންތައް ސާފްކޮށްދިނުމަށްފަހު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި


އެމްޑީޕީގެ ލީޑާރޝިޕް އިންތިޚާބުގައި ނާއިބު ރައީސްގެ މަޤާމަށް ވާދަކުރެއްވި މުހައްމަދު އަސްލަމް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުއްވި މައްސަލަތަކަށް ޖާވާބު ދިނުމަށްފަހު، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިންތިޚާބުގައި އަސްލަމްގެ އިންތިޚާބީ ހައްޤަށް އުނިކަން ލިބިފައިވާ 11 ކަމެއް ފާހަގަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މައްސަލަ ހުށައަޅާފައިވާކަމަށެވެ. އަދި ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާނީ އަސްލަމްގެ ކަންބޮޑުވުންތަކަށް ލިޔުމުން ޖަވާބު ދެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގައި ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ތުހުމަތުކޮށް، އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރައްވާކަމަށް މިމައްސަލަތައް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގައި ފަންސަވީސް ހާސް އެއް ސަތޭކަ ދެ މީހަކު ވޯޓްލާފައިވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރައީސްގެ މަޤާމަށް 2 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް ރައީސް ނަޝީދަށް ސައުވީސް ހާސް ދުއިސައްތަ ދެ ވޯޓް ލިބިވަޑައިގެންފައިވެއެވެ. ވާދަވެރިކަން ބޮޑުވި ނައިބް ރައީސްގެ އިންތިޚާބް ކާމިޔާބްކުރެއްވި ޝިފާޒާއި، އޭނާއައި ވާދަކުރެއްވި އަސްލަމްއާއި ދޭތެރޭގައި ދެހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް ވޯޓުގެ ތަފާތެއްވާކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

އެމްޑީޕީގެ ނައިބްރައީސްކަން ފުރުއްވަމުން ގެންދެވި ޝިފާޒް މަޤާމް ދިފާއުކޮށްފައިވަނީ ތޭރަ ހާސް އަށް ސަތޭކަ ފަނަރަ ވޯޓުންނެވެ. އަސްލަމަށް ލިބިފައިވަނީ ދިހަ ހާސް އަށް ސަތޭކަ ސާޅީސް ވޯޓެވެ. އެމްޑީޕީގެ އިންތިޚާބްގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އިންތިޚާބް ބާއްވާތާ 7 ދުވަހުގެ ތެރޭގައިކަމަށް އެމްޑީޕީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުން ދައްކާގޮތުން 53590 މެންބަރުންނާއެކު އެންމެ މެންބަރުން ގިނައީ އެމްޑީޕީގައެވެ.