ޚަބަރު

ބަޖެޓްގައި ހިމަނާފައިވާ ގިނަ މަޝްރޫޢުތައް އަންނަ އަހަރު ނިމޭނެ - މިނިސްޓަރ އަސްލަމް


އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނޭކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ޕީޕީއެސްއައިޕީ މަޝްރޫޢުތައް ތަންފީޒު ކުރެވޭނެ މިންވަރާއި ގުޅޭގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ބަޖެޓްގައި ހިމަނާފައިވާ ގިނަ މަޝްރޫޢުތައް އަންނަ އަހަރު ނިމިގެންދާނެކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިންވެސް ބައެއް މަޝްރޫޢުތައް ލަސްނުކޮށް އަވަހަށް ފެށުމަށްކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް ގިނަ މަޝްރޫތަކެއް ފަށާއިރު، ބައެއް މަޝްރޫޢުތައް ފެއްޓުމަށްޓަކައި އެވޯޑްކުރެވި، ޓެންޑަރިންގެ މަރުހަލާގައިވެސް ގިނަ މަޝްރޫއުތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 203 މަޝްރޫޢެއްގެ މަސައްކަތް ފެށިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ފެށިފައިވާކަމަށް ބުނާ މަޝްރޫޢުތަކަކީ އަމަލީގޮތުން މަސައްކަތް ފެށިފައިވާ މަޝްރޫޢުތަކާއި، ޓެންޑަރިންގެ މަރުހަލާގައާއި، އެވޯޑްކުރެވިފައިވާ މަޝްރޫޢުތައްކަމަށެވެ. އަދި ބަޖެޓްގެ ދަތިކަމާއިއެކު މިއަހަރު މަޝްރޫތައް ނިންމުމަށް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް އަންނަ އަހަރުގައި މިމައްސަލަ ކުރިމަތިނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ އަހަރުގައި ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ގޮތުގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދު މަސައްކަތެއް ފިޔަވައި ގިނަ މަސައްކަތެއް އަންނަ އަހަރު ނިމިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ފާސްކުރުމަށް ހަމަޖެހިފައިވާ 37.8 ބިލިޔަން ރުފިޔާގެ ބަޖެޓަކީ މިހާތަނަށް ފާސްކުރާ އެންމެބޮޑު ބަޖެޓެވެ. ބަޖެޓްގެ 10.2 ބިލިޔަން ރުފިޔާ ޚާއްސަކޮށްފައިވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމަށެވެ. މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ އިސްބޭފުޅުންވެސް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ޕީއެސްއައިޕީއަށް ބޮޑު ބަޖެޓެއް ކަނޑައަޅާ ނަމަވެސް ކަނޑައަޅާ މިންވަރާ ގާތަށްވެސް މަޝްރޫޢުތައް ހިންގިފައި ނުވާކަމަށެވެ.