ޓީޗަރުންނަކީ ސަނަދެއް ހޯދުމަށް ތަޢުލީމު ހޯދާ ބަޔަކަށްވުމުގެ ބަދަލުގައި، އެންމެ ފަހުގެ މަޢުލޫމާތުތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ޓީޗަރުންވުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިއެރުމަށް މުދައްރިސުންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ޓީޗަރުންގެ ކިބައިގައި ހުރުމަށް ދަރިވަރުން ބޭނުންވާ ކަންކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ދުނިޔެ ބަވަނަވެ ކޮންމެ މަޢުލޫމާތަކީ އިނގިލި ކުރީގައިވާ މަޢުލޫމާތެއްކަން ސިފަކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ، ހަމައެކަނި މުޤައްރަރުގައިވާ އެއްޗެއް ކިޔަވައިދީގެން މިހާރު ފަރުޖެހެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންގެ ވިސްނުން ފުޅާވެ އައު ސުވާލުތަށް އަންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، ޓީޗަރުންނަކީ ސަނަދަކެއް ހޯދުމަށް ތަޢުލީމު ހޯދާ ބަޔަކަށް ނުވުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުން ސްކޫލްތަށް އެއް ދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރުމުން، އެ ފުރުސަތުގެ ބޭނުން ހިފާ، ޓީޗަރުންނަކީ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ލޯހުޅުވިފައިވާ ބަޔަކަށްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
"ޓީޗަރުންގެ ކިބައިން ދަރިވަރުން އުންމީދުކުރާ ކަންކަން ނުވަތަ އެކްސްޕެކްޓޭޝަން މިވަނީ ބަދަލުވެފައި. ޓީޗަރުންނަކީ ސަނަދަކެއް ހޯދުމަށް ތަޢުލީމު ހޯދާ ބަޔަކަށްވުމުގެ ބަދަލުގައި އެންމެ ފަހުގެ މަޢުލޫމާތުތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ވާން ޖެހޭ." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީން 2019 ވަނަ އަހަރު ހިންގި 6 ކޯހެއްގެ ދަރިވަރުން މި ރަސްމިއްޔާތުގައި ދަސްވެނިވެފައިވޭއެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެންއައިއީއިން ޕްރީ ސަރވިސް ކޯސްތަށް ހިންގުން ހުއްޓާލާފައިވާކަން އިއުލާންކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެންއައިއީއިން ކުރިއަށްގެންދާނީ ޚިދުމަތުގައި ތިބި މުދައްރިސުންގެ ކޯސްތަކާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ ކޯސްތަކެއްކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.