ޚަބަރު

އެމްޑީޕީގައި ތިބީ 23000 މެންބަރުން - ރައީސް ޔާމީން


އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ ނޫންކަމަށާ، އެޕާޓިގައި ތިބީ ތޭވީސް ހާހެއްހައި މެންބަރުންކަން އެޕާޓިގެ އެތެރޭގެ އިންތިޚާބުން ދައްކައިފިކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމް އެޕާޓީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތުއޮތީ އެމްޑީޕީގައި ނޫންކަމަށެވެ. އެކަން ނިމިދިޔަ އެޕާޓިގެ އިންތިޚާބުން ދައްކައިފިކަމަށް ތުހުމަތުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އޮޅުވާލާބައެއްކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައިވަނީ ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށްބޮޑެތި ދަތިތައް ކުރިމަތި ކުރުވިކަމަށް ތުހުމަތުކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ޕީއެންސީ އުފެއްދުމަށް ޕާޓީގެ ފޯމްގައި ސޮއިކުރި ކޮންމެ މީހަކާއި ހެކިވެރިޔާއަށް އިލެކްޝަންސް ކޮމިޝަނުން ގުޅައި މަޢުލޫމާތު އޮޅުންފިލުވަމުން ގެންދިޔަކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް ޕާޓީތައް އުފެދިގެން ދިޔައިރު އެ ސުވާލުތައް ނުކުރާކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެން ޕާޓިން އެއްޕާޓީއަކަށް އެކަނިވެސް 7500 މީހުން މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ކަހާލައިފި. އިލެކްޝަންގައި މިހާރު ތިބި މީހުން ތިބިއްޔާ އެކަން ކުރާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކާގޮތުން 53590 މެންބަރުންނާއެކު އެންމެ މެންބަރުން ގިނައީ އެމްޑީޕީގައެވެ. އަދި ޕީޕީއެމްގައި ތިބީ 36801 މެންބަރުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުދެކެ ވަރަށް ލޯބިވާ ޕާޓީއެއްކަމަށާއި، ސަބަބަކީ ރާއްޖޭގައި އުފެދުނު ހުރިހާ ސިޔާސީ ލީޑަރުން މިވަގުތު ތިއްބެވީ އެމްޑީޕީއާއި އެކުކަމަށެވެ. ސަލާމަތުން ބުއްދި ހުރިހާ ދުވަހަކު އެމްޑީޕީއަށް ނުގެންދެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނުކަން އެމްޑީޕީއަށް އެނގޭކަމަށް ޔާމީން ވިދާޅުވިއެވެ.

"ހަމައެކަނި މިހާރު މިފެންނަ ސިޔާސީ ލީޑަރުންގެ ތެރޭގައި ގުޑުވާނުލެވޭނެ މީހަކަށް ހުންނާނީ އަޅުގަނޑު." ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީއެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއީ
ސިޔާސީ ދައުވާއެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.