ޚަބަރު

ނައިބު ރައީސް ހދ.އާއި ހއ.އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ އާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހއ. މޮޅަދޫއަށެވެ. މޮޅަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައި، އެރަށުގައި އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެރަށުގެ ސްކޫލްގެ ހާލަތުވެސް އެމަކުފާނު ވަނީ ބައްލަވާލައްވާފައެވެ.

އަދި މިދަތުރުގައި މޮޅަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން އެރަށުގައި ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފައްޓަވާދެއްވާފައެވެ. ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. ހއ.ދިއްދޫއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގައި ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ރަށު ކައުންސިލަރުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ އަތޮޅަށާއި ދިއްދޫގެ އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މީގެ އިތުރުން އެމަނކިފާނު ވަނީ ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކޮށް ހުރި ހައުސިން ޔުނިޓްތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އެ ރަށު ހޮސްޕޮޓަލަށް ޒިޔާރަށް ކޮށް އެތަނުގެ ހާލަތާއި ސުކޫލްގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި، ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ފާހަގަކުރާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދެއްވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހއ. އާއި ހދ.ގެ ބައެއް ރައްތަކަށް ކުރެއްވި ޒިޔާރަތުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ވަނީ ހދ. ކުޅުދުއްފުއްޓަށް ޒިޔާރަތްކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، މިއަހަރުގެ ހިތާނީ ކޭމްޕު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. ހިތާނީ ކޭމްޕު އިފްތިތާހު ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު ވަނީ މާލެ ވަޑައިގެންފައެވެ.