ޚަބަރު

ޕްލެއިނިންގ މިނިސްޓަރ އަސްލަމާ ސުވާލުކުރުން މާދަމާގެ ޖަލްސާގައި


ކެންދޫ ދާއިރާގައި ހިމެނޭ 3 ރަށެއްގެ ބަދަރު ހެދުމުގެ މަޝްރޫޢުތައް ފެށޭގެ ތާރީޚެއް ސާފުކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މާދަމާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާ، ކުރުމަށް ހަމަޖެހިފައިވަނީ ބ.ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަކީ 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެމަސައްކަތްތައް ފެށޭނެ ތާރީޚެއް ސާފުކުރުމާއި ގުޅޭގޮތުންނެވެ. މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މި ސުވާލަށްފަހު މެމްބަރުންނަށް ސުވާލުކުރުމަށް 20 މިނިޓްގެ ފުރުސަތެއް ދެވިގެންދާނެއެވެ.

މިއީ މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރާ 2 ވަނަ ފަހަރުއެވެ. މީގެ ކުރިން އަސްލަމް ހާޒިރުކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫގެ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވަމުންދާ މައްސަލާގައި އެދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ބޭނުންވި މަޢުލޫމާތުސާފްކުރެއްވުމަށެވެ.

މާދަމާގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ޓޫ ފޯ ވަން ކޮމިޓީން ފާސްކޮށްފައިވާ މަރުހޫމް ޑރ.އަފްރާޝީމްއަލީގެ މަރުގެ މައްސަލައިގެ ރިޕޯޓް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ. ޑރ.އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީން ރިޕޯޓް ފާސްކޮށްފައިވާގޮތާއިމެދު ކޮމިޓީގައިވަނީ ވަރަށްބޮޑަށް ޚިޔާލްތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

މި ރިޕޯޓް ކޮމިޓީން ފާސްކުރުމުގެ ކުރިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕީއެސްސީގެ މެމްބަރުންނާއި ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އަރައިރުންވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. ނަމަވެސް ބްރާސްފަތިދުވަހުގެރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންވަނީ ރިޕޯޓް ފާސްކޮށް ތަޅުމަށް ފޮނުވަން ނިންމާފައެވެ.