ޚަބަރު

ފުއާދާ ވާދަކޮށް އިލެކްޝަންގެ ނާއިބް ރައީސް ކަމަށް އަކްރަމް


އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމަށް އަޙްމަދު އަކްރަމް އިންތިޚާބްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ ނާއިބް ރައީސްގެ މަޤާމަށް އަކަރަމް އިންތިޚަބްކޮށްފައިވަނީ އެ ކޮމިޝަންގެ 16ވަނަ ކުއްލި ޖަލްސާގައެވެ. އެ މަޤާމަށް އަކްރަމްއާ ވާދަކުރެއްވީ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި ފުއާދު ތައުފީޤެވެ.

ނާއިބް ރައީސްކަމަށް އަކްރަމް އިންތިޚާބްކުރުމަށް ނަން ހުށަހެޅުއްވީ ކޮމިޝަންގެ މެންބަރު އަލީ ނަޝާތެވެ. ނަޝާތުގެ މި ހުށަހެޅުން ބަލައިގެން ވޯޓަށް އެހުމުން 3 މެންބަރަކުވަނީ އޭނާ އިންތިޚާބްކުރުމަށް ފެންނަކަމަށް ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 2 މެންބަރަކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސްގެ މަޤާމަށް ކޮމިޝަނުން މެމްބަރަކު އިންތިޚާބް ކުރަންޖެހުނީ ކޮމިޝަންގެ ނައިބްރައީސްގެ މަޤާމުގައި ހުންނެވި އަމްޖަދު މުސްޠަފާގެ މަޤާމުގެ ދައުރުހަމަވުމުންނެވެ. މުސްތަފާވަނީ އަލުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ވާދަވެސް ކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގެ ބޮޑު އައުލަބިއްޔަތަކާއެކު މެންބަރުން ރުހުންދެއްވާފައިވަނީ އެ ކޮމިޝަންގެ ކުރީގެވެސް މެންބަރު ފުއާދު ތައުފީޤަށެވެ. އޭނާއަށް މަޖިލީހުގެ 70 މެންބަރުން ވޯޓުދެއްވިއެވެ.

އިލެކްޝަން ކޮމިޝަނުން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އިލެކްޝަނުން ކުރިމަތިލާންޖެހޭނީ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކައެކުއެވެ.