ލަނޑާނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ވަޅިން ޙަމަލާދިން، ޢުމުރުން ތިރީސް އަހަރުގެ މީހާގެ ބައްދަށް އއ.ރަސްދޫ ކޯޓުން ދިހަ ދުވަސް ޖަހައިދީފިއެވެ.
ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލާފައި އޮއްވާ ފަތާފައި ގޮސް އއ.މާޅޮހަށް އެރި ޢުމުރުން ސައްބީސް އަހަރުގެ ޒުވާނާއަކީ ރ.މަޑުއްވަރި ފެހި އަލި، އިސްމާޢީލް ޙައްމާދެވެ. އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އެދޯނީގައި އޭނާއާއިއެކު މަސައްކަތްކުރަމުންދިޔަ ޢުމުރުން ތިރީސް އަހަރުގެ މީހެކެވެ. މިދިޔަ ބުރަސްފަތިދުވަހުގެރޭ ހިނގި މިހަމަނުޖެހުމުގައި ހައްމާދަށް ބޮޑެތި ޒަމްހަމްތަކެއްލިބި އޭނާއަށް އިތުރު ފަރުވާދިނުމަށްވަނީ މާލެ ގެނެސްފައެވެ. މާލެނެގައުމަށްފަހު މިހާތަނަށް އޭނާއަށް ފަރުވާދެމެންދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
މިމައްސަލާގައި ޝާމިލްވާ ޙައްމާދާއި، އޭނާއަށް ހަމަލާދިން މީހަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުންނެވެ. ހައްމާދަށް ހަމަލާދިން މީހަކީ ސޫރިޔާގެ ހަގުރާމަޔަށް ދާން އުޅެނިކޮށް ސްރީ ލަންކާމަގުން ހިފަހައްހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭމީހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗުތެރޭގައި ހިނގި މިހަމަނުޖެހުމަކީވެސް މިފަދަ ޚިޔާލްތަފާތުވުން އުފެދޭ ވާހަކަތަކެއްގެ ތެރެއިން އުފެދުނު ހަމަނުޖެހުމެއްގައި ހިނގައިފައިވާކަމެކެވެ.
މިމައްސަލާގައި އަނިޔާލިބުނު ހައްމާދަކީވެސް ކުށުގެ އޮންނަ މީހެކެވެ. އެގޮތުން 2012ވަނަ އަހަރު މާލޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ ހިނގައިދިޔަ ކަންތައްތަކުގައި ވީޓީވީގައި ރޯކޮށްލި މައްސަލާގައިވެސް އޭނާ ޝާމިލުވެއެވެ.
އޭނާއަށްވަނީ އެމައްސަލާގައި 2012ވަނަ އަހަރު 7 އަހަރުގެ ޖަލު ހުކުމެއްވެސް ކޮށްފައެވެ. ހުކުމް ތަންފީޒު ކުރިފަހުންވެސް ވައްކަމުގެ ތަފާތު އެކި މައްސަލަތަކުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ރޭގެ ހަމަނުޖެހުމުގައި ހައްމާދަށް ވަޅިން ހަމަލާދިންކަމަށް ބުނާ މީހަކީވެސް ކުށުގެ ރެކޯޑްތަކެއް އޮތްމީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.