ޚަބަރު

ނައިބު ރައީސް ހއ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހއ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ނައިބްރައީސް ހއ.އާއި ހދ.ގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.ދިއްދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހއ.އަތޮޅު ކައުންސިލާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލުން ދެމުންދާ ޚިދުމަތްތަކަކީ އަތޮޅުގެ 14 ރަށުގެ ރައްޔިތުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ދެމުން ގެންދާ ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލުގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެންނެވިއެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތައް ބާރުވެރިކުރުވަން ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ މިބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ކަނޑައެޅޭ ބަޖެޓްގެތެރެއިން އަތޮޅުގެ ތަރައްޤީއަށް ގިނަކަންތައްތަކެއް ކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން ހއ.އަތޮޅުގެ ތަރައްޤީއަށް ކުރިޔަށް ރާވާފައިހުރި ބައެއް މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ހިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުންގެ ކަންބޮޑުވުންހުރި މައްސަލަތަކުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިވަޑައިގެން، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ.ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެރަށުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. އަދި ދިއްދޫގައި މިހާތަނަށް ދޫކޮށްފައިނުވާ ހައުސިން ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހއ.އަތޮޅު ހޮސްޕިޓަލާއި އަތޮޅު މަދަރުސާއަށް ވަޑައިގެން އެތަންތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.