ޚަބަރު

"ސްމާޓް މީޓަރ"ގެ އެޕްލިކޭޝަންގެ މަސައްކަތް މިދަނީ ކުރަމުން - މުޣުނީ


ވަގުތުން ވަގުތަށް ކަރަންޓު މީޓަރަށް އަރާވަރު ބަލައިލެވޭ "ސްމާޓް މީޓަރ"ގެ މަސައްކަތުގެ ދަށުން ތައްޔާރުކުރަންޖެހޭ އެޕްލިކޭޝަންގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެއްހަމައެއްގައި ސްޓެލްކޯ ދެމިއޮތުމަށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީވަނީ ކުނިން ކަރަންޓު އުފެއްދުންފަދަ ތަފާތު ގޮތްތަކުން ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ތަޙުލީލުތަށް އެކުންފުނިން ކުރަމުންދާކަމަށެވެ. އަދި ކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްވެސް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަން މުޣުނީ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ ހުރިހާ ޚިދުމަތެއް މިއަދު އޮންލައިންކޮށް ލިބޭނެކަން ފާހަގަކުރައްވާ މުޣުނީ ވަނީ، އެކުންފުނިން ވަގުތުންވަގުތަށް ކަރަންޓު މީޓަރަށް އަރާ ވަރު ބަލައިލެވޭ "ސްމާޓް މީޓަރ"ގެ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިމީޓަރު ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަބން ހާމަކުރައްވާ މުޣުނީ ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ސްޓެލްކޯއިން ސްމާޓް މީޓަރު ތަޢާރަފް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުތެރޭ އެމަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މުޣުނީ ވިދާޅުވިއެވެ.

"ސްމާޓް މީޓަރިން ޓެކްނޮލޮޖީ ތައާރަފްވުމުން ވަގުތުން ވަގުތަށް ކަރަންޓު މީޓަރަށް އަރާ ވަރު ބަލައިލެވޭނެ. އޭގެ އަމަލީ މަސައްކަތް މިހާރުމިވަނީ ފަށާފައި. އަދި ހާއްސަ އެޕްލިކޭޝަނަކާއެކު ކަރަންޓު ބިލާ ބެހޭގޮތުން ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް." މުޣުނީ ވިދާޅުވިއެވެ.

ސްމާޓް މީޓަރުތައް ސްޓެލްކޯގެ ސޮފްޓްވެއާ ތަކުން ވަގުތުން ވަގުތަށް ކަރަންޓު މީޓަރަށް އަރާ ވަރު އަންގައިދޭއިރު، މި ޚިދުމަތް މާލެއަށާއި ބައެއް ރަށަރަށަށް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. ސްޓެލްކޯއިން ތައާރަފް ކުރަން ހަމަޖެހިފައިވާ ސްމާޓް މީޓަރުތަކާއެކު ކަރަންޓް ބިލް ދެއްކުމަށް ކަސްޓަމަރުންނަށް ޚާއްސަ އޮޕްޝަންތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.