ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ ޖަޕާނުގެ ފުކުޝީމާ ނިއުކްލިއަރ މަރުކަޒުން ބޭރުވާ ރޭޑިއޭޝަންގެ މައްސަލާގައި ދެކުނު ކޮރެއާ ކުރަމުންދާ ޝަކުވާތަކަށް ޖަޕާން ދެކޮޅުހަދައިފިއެވެ.
ޖަޕާންގެ ނަގޮޔާގައި ކުރިޔަށްދާ ޖީ-ޓުވެންޓީގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޖަޕާނުގެ މަސްޢޫލުވެރިންވަނީ ފުކުޝީމާ ނިއުކްލިއަރ މަރުކަޒުން ރޭޑިއޭޝަން ބޭރުވާކަމަށް ބުނެ ދެކުނު ކޮރެއާ ކުރާ ޝަކުވާ ތަކަކީ އަސާސެއްނެތް ޝަކުވާތަކެއްކަމަށް ސިފަކުރައްވާފައެވެ. ފުކުޝީމާގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެ ސިޓީގެ މަސްވެރިން ބާނާ މަހުގައި ރޭޑިއޭޝަންގެ އެއްވެސް އަސަރެއްނެތްކަމާއި އެއީ ކެއުމަށް ސިއްޙީގޮތުން ރަނގަޅު ތަކެތިކަން ޖީ-ޓުވެންޓީ ސަމިޓްގައި ޖަޕާނުގެ މަސްޢޫލުވެރިންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޖަޕާންގެ ނަގޮޔާގައި ޖީ-ޓުވެންޓީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ހުކުރުދުވަހު ފެށިއިރު ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު އެ ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެއެވެ. ނަމަވެސް ދެކުނު ކޮރެއާއިންވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ނަގޮޔާއަށް ވަޑައިގަންނަވާނެކަމަށް ބުނެފައެވެ. ފުކުޝީމާ ނިއުކްލިއަރ މަރުކަޒަކީ 2011ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި ހަލާކުވުމުގެ ސަބަބުން ބަންދުކޮށްފައިވާ ނިއުކްލިއަރ ރިއެކްޓަރެކެވެ. އެތަން ބަންދުކޮށްފައިވަނީ ރޭޑިއޭޝަން ބޭރު ނުވާނެ ގޮތަށް އަޅަންޖެހޭ ސަލަމާތީ ފިޔަވަޅުތައް އެޅުމަށްފަހުކަމަށާ އެތަނުން ރޭޑިއޭޝަން ބޭރުނުވާކަމަށް ޖަޕާނުން ތަކުރާރުކޮށް ބުނިނަމަވެސް ދެކުނު ކޮރެޔާއިންވަނީ އެކަން ޤަބޫލުކުރުމަށް ފަސްޖެހިފައެވެ.
އެހެންކަމުން މި މައްސަލަ މިހާރުވަނީ ޖަޕާނާއި ދެކުނު ކޮރެއާއާ ދެމެދުގައިވާ ސަރަޙައްދީ ރޮނގުގެ އަރާރުމާއި ވިޔަފާރީގެ ދެބަސްވުންތަކާ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރާ ގުޅިފައިވާ އަރާރުންތަކުގެ ލިސްޓަށް އިތުރުވެފައެވެ.