ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕައަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަޝިޕް އިންތިޚާބު ކާމިޔާބުކުރެއްވި އެޕާޓީގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުން ކާމިޔާބު ހޯއްދެވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ އެމަނިކުފާނު ކުރެއްވި ޓުއީޓެއްގައިވަނީ ޕާޓީގެ ރައީސްކަމަށް، ރައީސް މުޙައްމަދު ނަޝީދާއި ނާއިބު ރައީސްކަމަށް މުހައްމަދު ޝިފާޒް އަލުން ހޮވިވަޑައިގަތުމުން ދެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުއީޓް

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓްލެއްވުމަށް އިސްކަންދަރު ސުކޫލަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑީޕީ މައި ޕާޓީއަކަށް އޮވެ އައި އައު ސަރުކާރުގައި ވަނީ ކުރިން އޮޅުންބޮޅުންކޮށް ހިންގާފައިވާ އެތައްކަމެއް ރަނގަޅުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރު ފެނިގެންދާނީ ތަރައްޤީޤެ މުޅިން ތަފާތު އަހަރެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ލީޑަރޝިޕް އިންތިޚާބުގައި ޖުމްލަ 87،439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 23،584 ވޯޓެވެ. އެމްޑީޕީގެ ލީޑރޝިޕް އިންތިޚާބްގައި އެޕާޓީގެ ނައިބްރައީސްގެ މަޤާމަށް އިންތިޚާބް ވެފައިވަނީ މިހާރުވެސް އެމަޤާމު ފުރުއްވަމުންދާ މުހައްމަދު ޝިފާޒެވެ.