 
					
									
			މިހާތަނަށް ރާއްޖެ އަންނަ އެންމެ ބޮޑު ކްރޫސްލައިނަރ 3000 ފަސިންޖަރުންނާއެކު، އަންނަ މަހު ރާއްޖޭގައި ބަނދަރުކުރާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، (މާޔާ)އިން ވިދާޅުވެއްޖެއެވެ. 
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާޔާގެ ސެކްޓްރީ ޖެނަރަލް މުހައްމަދު ޢަލީ ވިދާޅުވީ މިކްރޫސްލައިނަރ އަންނަ މަހު 6ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށެވެ. އިންޑިއާއިން ފުރައިގެން އަންނަ މި ކްރޫސްލައިނަރއިން ރާއްޖެއަށް 3594 ފަސިންޖަރުން އަންނާނެކަމަށް މާޔާއިން ލަފާކުރެއެވެ. ރާއްޖޭގައި 1 ދުވަހު މަޑުކުރުމަށްފަހު މި ކްރުސްލައިނަރ ފުރުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯއަށެވެ. 
ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ މި އުޅަނދަކީ ނޯރވޭޖިއަން ކްރޫސްލައިނަރ ކުންފުނީގެ އުފެއްދުމެވެ. 294 މީޓަރުގެ މި ކްރުސްލައިނަރއިން 4000 އާއި ގާތްކުރާ އަދަދަށް ފަސިންޖަރުން އުފުލައެވެ. 
މި އަހަރުގެ މި ދުވަސްކޮޅަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރޫސްލައިނަރތައް ދަތުރުކުރާ ދުވަސްވަރެކެވެ. ކޮންމެ 2 ހަފާތާއަކުން އެއް ހަފްތާއަކު ރާއްޖެއަށް ކްރޫސްލައިނަރތައް ދަތުރުކުރާއިރު މިއިން ކޮންމެ އުޅަނދަކުން އެއްފަހަރާ އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ ދަތުރުކުރެއެވެ. 
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، (މާޔާ)އަކީ ރާއްޖެއަށް މަތީ ފަންތީގެ ކްރޫސްލައިނަރ އަދި ޕެސެންޖަރ ލައިނަރ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެވެ.
 
މި ކުންފުނިން މިއަހަރުގެ ތެރޭ ރާއްޖެއަށް ބޮޑޭތި ކްރުސްލައިނަރތައް ގެނެސްފައިވެއެވެ. މާޔާއިން ބުނީ އަންނަ އޭޕްރިލް މަހާ ހަމައަށް ކޮންމެ 2 ހަފްތާއަކުން 1 ހަފްތާއަކު ރާއްޖެއަށް ކްރޫސްލައިނަރތައް އަންނާނެކަމަށެވެ.