ޚަބަރު

އިތުރު މައްސަލަތަކެއްގެ ރިޕޯޓު މި ހަފްތާގައި ރައީސަށް ފޮނުވާނަން - ކޮމިޝަން


ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންދާ ގިނަ މައްސަލަތަކެއް ނިމިފައިވާކަމަށާ، އިތުރު މައްސަލަތަކެއްގެ ރިޕޯޓު މިހަފްތާގެ ތެރޭގައި ރައީސްއަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ. މިހާތަނަށް ކޮމިޝަނުންވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާއި، ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ އިތުރުން ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސްއަށް އަރުވާފައެވެ.

ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކެއްގައި ކުރަންޖެހޭ ތަޙްޤީޤްތައް ހިންގި ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ގިނަ ރިޕޯޓްތަކެއް ނިކުމަކާއި ހަމަޔަށްވަނީ ގޮސްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން ބައެއް ރިޕޯތްތައް މިހަފްތާގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަށް ފޮނުވުމަށް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

މަރުކޮމިޝަނުން މިހާތަނަށް ހާމަކުރި ރިޕޯޓްތަކުގެ ތެރެއިން ޑރ.އަފްރާޝީމް އަލީގެ ރިޕޯޓާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި އެގިފައިވަނީ އެ ދެމީހުންވެސް މަރާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުންކަން، ރިލުވާންގެ މައްސަލާގައި ޝާމިލްވާ މީހުންގެ ތެރެއިން ބައެއް މީހުން ސީރިޔާގެ ހަނގުރާމައަށް ގޮސް މަރުވެފައިވާކަމަށް ބުނާއިރު، އަފްރާޝިމްގެ މަރުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިމައްސަލާގައި އެކުލަވާލާފައިވާ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަރުކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އެފަރާތާއި ހަވާލުކޮށްފައިވާ މެންޑޭޓް އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ނިންމުމަށެވެ. މަރުކޮމިޝަން އުފައްދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން އުފައްދަވާފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.