ވިޔަފާރި

"ބެއްޔާ" ވިއްކާތަނުން، ގަންނަ ކޮންމެ ޓީޝާޓަކަށް ރުކެއް އިންދަނީ!


"ދަ ބެއްޔާ" ކުންފުނިން ވިއްކާ ޓީޝާޓުތަކުގެ ތެރެއިން ގަންނަ ކޮންމެ ޓީޝާޓަކަށް ރާއްޖޭގައި ރުކެއް އިންދަން އެކުންފުނިން ނިންމައި އެކަން ޢިއުލާންކޮށްފިއެވެ.

މިއީ ރާއްޖެ ފެހިކޮށް ތިމާވެށި ރައްކާތެރިކުރުމުގެ މަޤްސަދުގައި "ދަ ބެއްޔާ" ކުންފުނިން ކުރިއަށްގެންދާ ޚާއްސަ ޙަރަކާތެކެވެ. ބެއްޔާއިން ބުނީ ގަންނަ ކޮންމެ ޓީޝާޓަކާއެކު ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ރުކެއް އިންދާނެކަމަށެވެ.

އަދި މިގޮތަށް އިންދާ ކޮންމެ ރުކަކީ އެރުއް ނިސްބަތްވާ ޓީޝާޓު ގަތް ފަރާތުގެ ނަމުގައި އިންދާ ރުކެއްކަމަށާ، އެފަރާތެއްގެ ނަން އެރުކާއެކު އޮންނާނެކަމަށެވެ. މި ރުއްތަކުގެ މަޢުލޫމާތު ބެއްޔާގެ ވެބްސައިޓުން ކަސްޓަމަރުންނަށް ލިބެމުންދާނެކަމަށްވެސް ބެއްޔާއިން ބުނެއެވެ. ރުއް އިންދާ ސަރަޙައްދާއި ރުކުގެ ފޮޓޯތައް ރުއް ގަންނަ ފަރާތްތަކަށް ފެންނާނެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޓާރމިނަލް ބޭސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބެއްޔާގެ ޓީޝާޓުތައް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި ރުއްގަސް އިންދުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ބެއްޔާއިން ކުރިއަށްގެންދާ މިޙަރަކާތާއެކު ރާއްޖޭގައި ގިނަ ޢަދަދެއްގެ ރުއް އިންދުމަކީ އުފާކުރާކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންގެ މި މަސައްކަތަށް އިންތިހާއަށް ތަޢުރީފުކުރަން، އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ރުއްތަކުގެ މައްސަލަ މިހާރު މިވަނީ ވަރަށް ގޯސްވެފައި. ރާއްޖޭގައި މިހާރު ރުއްގަސް ޖަހަންއެބަޖެހޭ ވަރަށް ގިނަ ޢަދަދަކަށް." ރައީސް ނަޝިދު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން "ދަ ބެއްޔާ"ގެ އޮފިޝަލެއްކަމަށްވާ މުޙައްމަދު ޢާދިލް ވިދާޅުވީ މި ޙަރަކާތަކީ ހަމައެކަނި ޓީޝާޓު ވިއްކުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެއް ނޫންކަމަށާއި މިއީ ރާއްޖެ ފެހިކުރުމުގައި ގިނަ މީހުން ބައިވެރިކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ.

އާދިލް ވިދާޅުވީ ތިމާވެށްޓާ ގުޅުންހުރި މިފަދަ ކަންތައް ކުރެވޭއިރު މިކަމުގައި ބައިވެރިވާން ބޭނުންވެ އެހެންނަމަވެސް ބައިވެރިނުވެވޭ ގިނަ މީހުން މިހާރުވެސް ރާއްޖޭގައި އެބަތިބިކަމަށެވެ. އެހެންކަމުން، ޓީޝާޓެއް ގަނެލައިގެން ރާއްޖެ ފެހިކުރުމަށް ކުރިއަށްގެންދާ މިޙަރާކާތުގައި ފަސޭހައިން ބައިވެރިވެވޭނެކަމަށް ޢާދިލް ވިދާޅުވިއެވެ.

"ޓީޝާޓެއް ބައްލަވައިގަތީމަ ޓީޝާޓެއް ބައްލަވައިގަންނަ ކޮންމެ ބޭފުޅެއްގެ ނަމުގައި ރާއްޖޭގެ ކޮންމެވެސް ސަރަޙައްދެއްގައި ރުކެއް އިންދޭނެ. ރުއް ބައްލަވައިގަންނަ ބޭފުޅުންނަށް ރުކުގެ ފޮޓޯއާއި، ލޮކޭޝަންއާއި އަދި އަޕްޑޭޓްސް އަޅުގަނޑުމެން ދެމުންގެންދާނަން. " ޢާދިލް ވިދާޅުވިއެވެ.

ބެއްޔާގެ ޓީޝާޓުތައް ބެއްޔާ ވެބްސައިޓުންނާއި މޯލްޑިވިއަންގެ މޫނިމާ ލައުންޖުން ގަންނަން ލިބޭނެއެވެ.