ޚަބަރު

ލާމަރުކަޒީ ޤާނޫނުގެ ކޮމިޓީ މަރުހަލާ ނިންމައި އާދީއްތަ ދުވަހު ތަޅުމަށް ފޮނުވުމަށް ނިންމައިފި


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް ކޮމިޓީ މަރުހަލާގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އާދީއްތަ ދުވަހު ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަމަށެވެ. ކޮމިޓީ މަރުހަލާގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ސަރުކާރުން ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީން ހުށަހެޅި 58 އިސްލާހާ ދިރާސާކުރުމުގެ މަސައްކަތްތަކަށެވެ.

ކޮމިޓީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ކައުންސިލްތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު ގެނައުމަށް އެމްޑީޕީން ހުށަހެޅި އިސްލާހު މިހާރުވެސް އޮތް ގޮތަށް ބޭއްވުމަށް ސަރުކާރުން ލަފާދީފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ކައުންސިލް މެމްބަރުންގެ އަދަދު އިތުރުނުކޮށް ކައުންސިލަރުންނަށްދޭ މުސާރަ ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުންކަމަށް ނިޔާޒް ވިދާޅުވިއެވެ. ކޮމިޓީމަރުހަލާގައި އެމްޑީޕީން ހުށަހެޅި އިސްލާހުތައް ދިރާސާކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުންނާއި، އޭޖީ އޮފީހާއި، އެލްޖީއޭގެ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ދޭން ނިންމާފައިވާ ބާރުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމަށާއި، އަތޮޅާއި ރަށަށް ބޮޑެތި ތަރައްޤީ އަންނާނެކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ޤާނޫނަށް ގެންނަ ބަދަލާއިއެކީ ކައުންސިލްތަކަށް ޚާއްސަކުރެވޭ ބަޖެޓްގެ ސަބަބުން ކައުންސިލްތައް ހިންގުމަށް އެތައްގޮތަކުން ފަސޭހަ ވެގެންދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކޮމިޓީގެ މެމްބަރުންނާއި، ސަރުކާރުގެ ވިސްނުންވެސް ހުރީ މިދައުރުގައި ޤާނޫނަށް ގެންނަ ބަދަލުތަކާއިއެކު މަޖިލީހުން ޤާނޫނު ފާސްކުރުމެވެ. ލާމަރުކަޒީ ޤާނޫނަށް ކޮމެޓީ މަރުހަލާއިން ގެންނަންޖެހޭ އިސްލާޙުތަކާއެކު އާދީއްތަ ދުވަހު ތަޅުމަށް ފޮނުވުމަށް ނިންމާފައިވާއިރު، ހޯމަދުވަހުގެ ޖަލްސާއް މިމައްސަލަ އެޖެންޑާ ކުރާނެކަމަށް ބެލެވެއެވެ.

ލާމަރުކަޒީޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ޤާނޫނުގައި ކައުންސިލްތައް ހިންގުމަށް ކަނޑައަޅާފައިވާ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް ގެންނަ އިސްލާހުތަކެކެވެ. ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކުރެވެނީ ކައުންސިލްތަކަށް މާލީ ބޮޑު ބާރުވެރިކަމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. ކައުންސިލްތައް ހިންގުމަށްޓަކައި އަންނަ އަހަރަށް ކައުންސިލްތަކަށް އެކެއް ޕޮއިންޓު ހައެއް ބިލުޔަން ރުފިޔާ ދައުލަތުގެ ބަޖެޓްގައިވަނީ ޚާއްސަކޮށްފައެވެ.