ޚަބަރު

މިއަދު ފެނިގެންމިދަނީ 3 ބާރު އެއްވެފައިވާ ނިޒާމެއްގެ ސިފަ - ޔާމީން


ދައުލަތެއްގެ އެންމެ އަސާސީ ސިފައަކީ 3 ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި، މިއަދު ފެނިގެންދަނީ 3 ބާރުވެސް އެއްވެފައިވާ މަންޒަރުކަމުގައި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢާބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތެއްގެ އެންމެ އަސާސީ ސިފަތައް މިއަދު ގެއްލިފައިވާކަމަށެެވެ. ދައުލަތުގެ ތެރެއިން ފެނިގެންދަނީ 3 ބާރު އެއްވެފައިވެ ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިމުގައި ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ނަންގަވާ އިދިކޮޅު މެމްބަރުންނަށް ފުރުސަތު ނުދެއްވާ ބޭނުންވި ހުރިހާ ޤާނުނޫތަކަށް ވަނީ ބަދަލު ގެންނަވާފައެވެ. އަދި ޖުޑީޝަރީ ތެރެއިންވެސް ސީޔާސީ ފަރާތްތަކަށް އެކު ހުކުމްތައް ދިޔައީ ކުރަމުންނެވެ. އަދި ފެބްރުއަރީ އެކެއްގައި ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންގެ ޤާނޫނަށް ބޮޑެތި ބަދަލު ގެނެސް އޭރުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓް އިތުރު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލާ މަޤާމުން ވަކިކުރެއްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ސަރުކާރުން ބަލަމުންދާ ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުޅި މައްސަލަ ބަލަން މިސަރުކާރަށް ނުކުރޭނެކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި މިސަރުކާރުގެ އިސްވެރިން ޝާމިލްވާކަމަށާއި، ޕީޕީއެމްއިން ވެރިކަމާއި ހަވާލުވެ މިމައްސަލަތައް ބަލާނެކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޔާމީން ފާޑު ވިދާޅުވިއިރު މިޚިޔާނާތް ހިންގާފއިވަނީ އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި އެމަނިކުފާނުގެ ނާއިބު ރާއިސް އަހްމަދު އަދީބުވެސް ހިމެނިވަޑައިގެންނެވި މި ޙިޔާނާތް ފަޅާއެރިތާ ދެ އަަރަށްވުރެ ގިނަދުވަސް ވެގެންދިޔައިރުވެސް ފުރިހަމަ ތަހުޤީގުގެއް ހިންގިފައެއް ނުވެއެވެ. މި ޚިޔާނާތުގައި ބައެއް ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެ ފައިސާއިން މަނީ ލޯންޑަރކުރެއްވި ކަމުގެ ތުހުމަތުގައި ދައުވާ ކުރާ މައްސަލައިގެ ދެން އޮންނާނީ ހުކުމްކުރުމެވެ.

މިޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫންއަށާއި، ޤާސިމް އިބްރާހިމްގެ އިތުރުން ޝައިޚް އިމްރާން އަބްދުﷲ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިއަދު ޤައުމަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުންތަކާއި ދަތި އުގަދޫތަކުގެ ޒިންމާ ވާންޖެހޭނީ އެބޭފުޅުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ މިޖަލްސާގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބް ވެގެން ގޮސްފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ.