ޚަބަރު

ނައިބްރައީސްގެ މަޤާމު ޝިއްޕެ ފަސޭހަކަމާއިއެކު ދިފާއު ކުރައްވައިފި


އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި ޕާޓީގެ ނައިބް ރައީސްކަން ފަސޭހަކަމާއިއެކު ޝިފާޒް ދިފާއު ކުރައްވައިފިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާރުވެސް އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމު ފުރުއްވަމުންދާ މުހައްމަދު ޝިފާޒު (ޝިއްޕެ) އިންތިޚާބް ކާމިޔާބް ކުރެއްވީ އެނާއާއި ވާދަ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްއާއި ވާދަކޮށް ފަސޭހަކާއިއެކު އިންތިޚާބް ކާމިޔާބްކޮށްގެންނެވެ.

އިންތިޚާބަށް މީގެ މަހެއްހާ ދުވަހުގެ ކުރިން ހުޅުވާލުމާއިއެކު ވަރަށް ވާދަވެރި ރޫހެއްގައި ދެބޭފުޅުންގެވެސް ކެންޕެއިން ހަރަކާތްތައްވަނީ ކުރައްވާފައެވެ. މާލެއާއި އަތޮޅުތެރޭގައިވެސް ކެންޕެއިން ހަރަކާތްތައް ކުރައްވާފައިވާއިރު ދެބޭފުޅުންވެސް ވަރަށް ވާދަވެރި ރޫޚެއްގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އިންތިޚާބާއި ކުރިމަތިލުމަށްފަހު ޝިފާޒް ވިދާޅުވީ ނިމިދިޔަ 5 އަހަރުގައި ޕާޓީގެ ނައިބް ރައީސްގެ މަޤާމް ފުރުއްވި ދުވަސްވަރު ލިބުނު ތަޖުރިބާއާއި، ޕާޓީއަށް ކޮށްދެވުނު ޚިދުމަތަކީ މި މަޤާމަށް އަނެއްކާވެސް ނިކުންނަވަން ޖެހުނު ސަބަބުކަމަށެވެ. ކޮންމެ ކަމަކާއި ކުރިމަތިލެއްވި ނަމަވެސް ކާމިޔާބް ނުވާނެކަމަށް ބަލައިގެން ނުނިކުންނަވާކަމަށާއި، މި އިންތިޚަބަށް މި ނިކުންނަނީވެސް އެ އިތުބާރާއި ޔަގީންކަން އޮތުމުންކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒްވަނީ އޭރުވެސް އޭނާއާއި ވާދަކުރައްވާ ކެންޑިޑޭޓް އަސްލަމަކީ އޭނާގެ ވަރަށް ގާތް އަދި ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައި ވިދާޅުވެފައެވެ. އަދި މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް އެކީގައި މަސައްކަތް ކުރެވޭނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫންކަމަށެވެ. އަދި އެމްޑީޕީއަކީ އެތެރޭގެ އިންތިޚާބްތަކަށް ފަރިތަ ޕަޓީއެއްކަމަށް ޝިފާޒް ވިދާޅުވިއެވެ.