ޚަބަރު

ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާ ސަލަފާ ގުޅުމެއް ނެތްކަން ރިޕޯޓުން އެނގޭ - ސަލަފް


ޑރ.އަފްރާޝިމް އަލީގެ މަރާއި ޖަމިއްޔަތުއް ސަލަފާ ގުޅުމެއް ނެތްކަން ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުން އެގޭކަމަށް އެ ޖަމިއްޔާއި ބުނެފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ޑރ އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާއި ގުޅިގެން ސަލަފް ޖަމިއްޔާ އާއި ގުޅުވާ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ އިސްވެރިން ވިދާޅުވީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ޑރ.އަފްރާޝީމްގެ މަރާއި އެ ޖަމިއްޔާ އާއި ގުޅުން އޮތްކަމަށް އެއްވެސް ތަނެއްގައި ހާމަކޮށްފައިނުވާކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ޑރ އަފްރާޝީމަށް އިލްމީ ގޮތުން ދީފައިވާ ރައްދެއްގެ ވާހަކަކަމަށާއި ޖަމިއްޔަތު ސަލަފަކީ ހައްދުފަހަނައެޅުމާއި ހަރުކަށި ފިކުރުތަކާއި އަބަދުވެސް ދެކޮޅަށް މަސައްކަތްކުރާ ބައެއްކަމަށެވެ.

ދީނީ އިލްމުވެރިން ދީނީ ގޮތުން ދައްކަވާ ވާހަކަތަކަށް އިލްމީގޮތުން ރައްދު ދިނުމަކީ އެއްވެސް ހާލެއްގައި މީހަކު މެރުމަށް ހިއްވަރުދީ މަރަން ގޮވާލުން ނޫންކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެފަދަ ވިސްނުން ބައެއް މަޖިލިސް މެމްބަރުން ގެންގުޅުއްވާކަމީ ހިތާމަކުރައްވާ ކަމެއްކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ޑރ އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގައި ވަނީ ޑރ އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް ގޮވާލާ ޖަމިއްތުއް ސަލަފުން ނެރުނު ޤަރާރު ހިމަނާފައެވެ.

ސަލަފު ޖަމިއްޔާއިން ހައްދު ފަހަނާއި އެޅުމާއި ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެ އެ ޖަމިއްޔާއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ ނިންމާފައެވެ. އަދި މި ނިންމުމާއި އެކު ޖަމިއްސަތުއް ސަލަފު އުވާލުމަށް މަޖިލިސް ބައެއް މެމްބަރުންވަނީ ގޮވާލާފައެވެ.