ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޝާމިލްވާ މީހުންނަކީ ކުށުގެ ރެކޯޑް ބޮޑުބައެއްކަން އެމީހުންގެ ރެކޯޑްތަކުން ދައްކައިފިއެވެ.
ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލާފައި އޮއްވާ ފަތާފައި ގޮސް މާޅޮހަށް އެރި ޢުމުރުން 26 އަހަރުގެ ޒުވާނާއަކީ ރ.މަޑުއްވަރި ފެހި އަލި، އިސްމާއިލް ހައްމާދެވެ. ދީނީ ހަރުކަށި ފިކުރުގެ ވިސްނުންވެސް ހުންނަ ހައްމާދަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ. ހައްމާދަކީ 2012ވަނަ އަހަރު މާލޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ ހިނގައިދިޔަ ކަންތައްތަކުގައި ވީޓީވީގައި ރޯކޮށްލި މައްސަލާގައިވެސް ޝާމިލުވާ މީހެކެވެ.
އޭނާއަށްވަނީ އެމައްސަލާގައި 2012ވަނަ އަހަރު 7 އަހަރުގެ ޖަލު ހުކުމެއްވެސް ކޮށްފައެވެ. ހުކުމް ތަންފީޒު ކުރިފަހުންވެސް ވައްކަމުގެ ތަފާތު އެކި މައްސަލަތަކުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ރޭގެ ހަމަނުޖެހުމުގައި ހައްމާދަށް ވަޅިން ހަމަލާދިންކަމަށް ބުނާ މީހަކީވެސް ކުށުގެ ރެކޯޑްތަކެއް އޮތްމީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން ސީރިޔާގެ ހަގުރާމަޔަށް ދާން އުޅެނިކޮށް ލަންކާމަގުން ހިފަހައްހައްޓާފައިވާ މީހުންގެ ތެރޭގައި މިމީހާ ހިމެނެއެވެ. ވަޅިން ހަމަލާދިން މައްސަލާގައި އޭނާއާއި ފުލުހުން މިހާރު ސުވާލުކޮށް ތަހުޤީގް ދަނީ ހިންގަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗުތެރޭގައި ހިނގި މިހަމަނުޖެހުމަކީވެސް މިފަދަ ޚިޔާލްތަފާތުވުން އުފެދޭ ވާހަކަތަކެއްގެ ތެރެއިން އުފެދުނު ހަމަނުޖެހުމެއްގައި ހިނގައިފައިވާކަމެކެވެ.
ބޮޑެތި ޒަޚަމްތަކާއެކު މާޅޮހަށް އެރި ޒުވާނާއަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލޭ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. މި ޒުވާނާގެ ހާލު ސީރިއަސްކަމަށާ އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް މަޢުލޫމާތުލިބެއެވެ.