ބޮޑެތި ޒަހަމްތަކަކާއި އެކު މާޅޮހަށް ފަތާފައި އެރި ޒުވާނާ ދަތުރުކުރިމަށް ބުނާ ދޯނީގައި ތިބި މީހުން ހައްޔަރުކޮށްފިއެވެ.
ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލާފައި އޮއްވާ ފަތާފައި ގޮސް މާޅޮހަށް އެރީ 26 އަހަރުގެ ޒުވާނެކެވެ، އެނގިފައިވާ ގޮތުގައި މީ ރ މަޑުއްވަރީއަށް ނިސްބަތްވާ ހައްމާދު ނަމަކަށް ކިޔާ ޒުވާނެކެވެ.
ބޮޑެތި ޒަހަމްތަކާއި އެކު މާޅޮހަށް އެރި ޒުވާނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލޭ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. މި ޒުވާނާގެ ހާލު ސީރިއަސްކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް މައުލޫމާތުލިބެއެވެ.
އެނގިފައިވާ ގޮތުގައި މި ޒުވާނާ ލަނޑާއަށް ދިޔަ ދޯނީގައި އޭނާއާއި އެކު އިތުރު ދެމީހަކު ތިއްބެވެ. ޒަހަމްކޮށްލާފައިވާ ޒުވާނާ މާޅޮހަށް އެރުމުން އެ ދޯނީގައި ތިބި ދެ މީހުންވެސް އޭނާ ހޯދުމަށް އެރަށަށް އެރިކަމަށްވެއެވެ.
މި ޒުވާނާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.