ޚަބަރު

ކްރިމިނަލްކޯޓާއި ސިވިލްކޯޓަށް ފަނޑިޔާރުން ހޯދަނީ


ކްރިމިނަލްކޯޓާއި ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން (ޖޭއެސްސީ) އިއުލާންކޮށްފިއެވެ. ކްރިމިނަލްކޯޓަށް ހޯދަން އިއުލާންކޮށްފައިވަނީ އެއް ފަނޑިޔާރެވެ. ސިވިލްކޯޓަށް ހޯދަން އިއުލާނުކޮށްފައިވަނީ 4 ފަނޑިޔާރުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން މި ދެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސަރާއާއި އެލަވަންސްތަކާއި އެކު މަހަކު -/48300 ރުފިޔާ ލިބެއެވެ. ސިވިލްކޯޓްގެ ފަނޑިޔާރަކަށް މުސަރާއާއި އެލަވަންސްތަކާއި އެކު މަހަކު -/46650 ރުފިޔާ ލިބެއެވެ. އދި މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެއެވެ.