ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް


މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމި ސްކޫލްތައް ބަންދުވެއްޖެއެވެ. މިއަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓް ފޯމް ހަވާލުކޮށްފައެވެ. މިއަހަރުގެ ރިޕޯޓް ފޯމް ދީފައިވަނީ ޑިޖިޓަލްކޮށެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ރާއްޖޭގެ 213 ސްކޫލުގައި، އެލްކޭޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ ހަތްދިހަ ތިން ހާސް ތިރީސް ފަސް ދަރިވަރުން ތަޢުލީމް ހާސިލް ކުރިއެވެ. މިއަހަރު ކިޔެވުން ފެށިއިރު 9800 މުދައްރިސުން ކިޔަވައިދިނުމަށް ހަރަކާތްތެރިވިއެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގައި ހަރަކާތްތެރިވިއެވެ.

މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދިން އިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވައިދީފައިވެއެވެ. އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވައިދީފައިވެއެވެ. ރާއްޖޭގައި މިހާތަނަށް ޢިމާރާތްކުރި އެންމެ ބޮޑު ސްކޫލް ހުރަވީ ސްކޫލްގައިވެސް މިއަހަރު ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި ޕްރީ ސްކޫލް ފެންވަރަށް 317 ސްކޫލެއްގައި މި އަހަރު ކިޔަވައިދީފައިވެއެވެ.

މިއަހަރުގެ ދިރާސީ އަހަރު ނިމުނުއިރު ޖުމްލަ 200 ދުވަހު ވަނީ ކިޔަވައިދީފައެވެ. މިއަހަރުގެތެރެ ތަޢުލީމީ ދާއިރާއިން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން ފާހަގަ ކޮށްލެވުނު އެއްކަމަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފޭށުމެވެ. ފުރަތަމަ ޓާމުގައި 25 ސްކޫލެއްގެ ދަރިވަރުންނަށް ނާސްތާ ދޭންފެށިއެވެ. އަދި ދެވަނަ ޓާމްގައި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވަނީ ނާސްތާ ދޭން ފަށާފައެވެ.

މިއަހަރުގެ ތެރޭގައި ހަނގާކުރުން ހުއްޓުމަށް އުޞޫލެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށާފައިވާއިރު ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީނިޒާމުގެ ތެރެއިން ފަހި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްވެސް މިއަހަރުތެރޭ ވަނީ ފަށާފައެވެ. މީގެ އިތުރުން ހުރިހާ ސުކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން22 ސުކޫލެއްގައި ވަނީ "ސިންގަލް ސެޝަން ސުކޫލް ޕައިލެޓް ޕްރޮޖެކްޓްއެއް ފަށާފައެވެ. އަދި އާ މަންހަޖަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ބޭއްވި “ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް"ގެ އަލީގައި މުޤައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭ ވަނީ ފަށާފައެވެ. އަދި ސުކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރި އަހަރަކީވެސް މި އަހަރެވެ.

މިއަހަރުގެ ކިޔެވުން ނިމިފައިވާއިރު މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމްތަކާއި ފޮތް ލިސްޓާ ވައުޗަރުވެސް ހަވާލުކޮށްފައެވެ. އަހަރުގެ ކިޔެވުން ނިމުނުއިރު ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ފޮތްތައް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެ އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ މެއިމަހުގެ 21 ގައެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން 31 މެއި ގައި ފެށޭއިރު ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ނޮވެމްބަރުމަހުގެ 19ގައެވެ.