ވިޔަފާރި

ކުރިއަށް އޮތް 3 އަހަރު އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ


ކުރިއަށް އޮތް ތިން އަހަރު އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްއެމްޕީއާރްސީން ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރްސީއިން ބުނީ 2020، 2021 އަދި 2022 ވަނަ އަހަރަށް އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކުރުމުގެ ފުރުސަތު މިހާރު ހުޅުވާފައިވާކަމަށެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޑިސެމްބަރު މަހުގެ 24 އާއި ހަމައަށް މި ފުރުޞަތު ހުޅުވާލާފައިވާކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ބާއްވާ އައިޓީބީ ފެއަރއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު ފެއަރއެވެ. މި ފެއަރގައި އެމްއެމްޕީއާރްސީއިން ދަނީ ކޮންމެ އަހަރަކުވެސް ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.

މިއަހަރުގެ އައިޓީބީ ފެއަރ ބާއްވާފައިވަނީ މާޗު މަހުގައެވެ. މި ފެއަރގައި ރާއްޖޭގެ 105 ކުންފުންޏަކުން 265 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ކުރީ އަހަރު ރާއްޖެ ވަނީ އައިޓީބީގެ އޮފިޝަލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެފައެވެ.