ޚަބަރު

އަތޮޅުތަކުގައި ކުރިއަށްގެންދާ ޚިތާނީ ކޭމްޕް


ހެލްތް މިނިސްޓަރީން މިއަހަރު އަތޮޅުތަކުގައި ކުރިއަށްގެންދާ ޚީތާނީ ކޭމްޕްގައި ޖުމުލަ އަށާރަ ރަށަކުން ހަ ސަތޭކަ ފަސްދޮޅަސް ތިން ކުދިން ނަންނޯޓުކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުގައި ކުރިއަށްގެންދާ ޚިތާނީ ކޭމްޕާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާވޫދު ވިދާޅުވީ، މިއަހަރުގެ ކޭމްޕަކީވެސް މީގެކުރީގެ ކޭމްޕްތަކޭ އެއްގޮތަށް ހިނގާ ޚަރަދުތަށް އާސަންދައިން ކަވަރުކުރާނެ ކޭމްޕެއްކަމަށެވެ.
މިއަހަރުގެ ކޭމްޕް ޚާއްސަ ކުރުމުގެގޮތުން ސޯޝަލް މީޑިއާގައި ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަފަކުރައްވައި ދާވޫދު ވިދާޅުވީ މިހާރުވެސް މިކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައި އިރު ޚިތާނީ ކޭމްޕްގައި އަށާރަ ރަށަކުން ހަ ސަތޭކަ ފަސްދޮޅަސް ތިން ކުދިން ނަންނޯޓުކޮށްފައިވާކަމަށް ދާވޫދު ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް ފަހެއް ނުވަތަ ދިހަ ކުދިން ކޮންމެ ހޮސްޕިޓަލްއެއްގައި ޚިތާނުކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަހަރުގެ ކޭމްޕްގައި ބެލެނިވެރިން ބޭނުންވާގޮތަށް ސަޤާފީކަންކަންވެސް ހިމެނޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރު އަތޮޅުތަކުގައި ހިތާނީ ކޭމްޕް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ހއ.އަތޮޅު ހޮސްޕިޓަލް، ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ށ.އަތޮޅު ހޮސްޕިޓަލް، ނ.އަތޮޅު ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ.އަތޮޅު ހޮސްޕިޓަލް، ޅ.އަތޮޅު ހޮސްޕިޓަލް، އއ.އަތޮޅު ހޮސްޕިޓަލް، އދ.އަތޮޅު ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލް، ފ.އަތޮޅު ހޮސްޕިޓަލް، ދ.އަތޮޅު ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ގއ.އަތޮޅު ހޮސްޕިޓަލް، ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.

މިމަހުގެ ސައުވީހުގައި ފަށާ މިއަހަރުގެ ޚިތާނީ ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށިންނެވެ. އެގޮތުން ޚިތާނީ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.