ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރަން ކ. ހިންމަފުށީގައި ޤާއިމުކުރާ މަރުކަޒުގެ މަސައްކަތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ހިންމަފުށީގައި ޤާއިމުކުރާ މި ރިހެބިލިޓޭޝަން ސެންޓަރަކީ، ދިވެހިންގެ ތެރެއިން ބޭރު ޤައުމުގެ ހަނގުރާމައިގައި ބައިވެރިވެ ހާލުގައިޖެހިފައި ތިބި ފަރާތްތަށް އަނބުރާ ގެންނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށެވެ.
މި ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މީގެ 2 މަސް ކުރިން ފަށާފައިވާމަށާއި، މިކަމަށް ސަރުކާރުން ޚާއްސަ އަހައްމިޔަތުކަމެއް ދެއްވާކަން ނަޒީރު ފާހަގަކުރެއްވިއެވެ. ޖުމުލަ 59 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މި މަރުކަޒަކީ، ސަލާމަތީކަންކަން ވަރުގަދަ ތަނަކަށް ހަދާނެކަމަށް ނަޒީރު ވިދާޅުވިއެވެ. މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން، (ޕޮލްކޯ) އާއިއެވެ.
ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރާނެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ ރާއްޖޭގައި ހައްދުފަހަނަ އަޅާ ދިއުމާއި ޓެރަރިޒަމް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ދާދިފަހުން އިސްލާހުތަކެއްވަނީ ގެނެސްފައެވެ.
މި ޤާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައެޅާފައިވާއިރު، ހަނގުރާމައިން އަނބުރާ ގެންނަ މީހުން މުޖުތަމަޢުއަށް ނެރުމުގެ ކުރިން ރިހެބިލިޓޭޓް ކުރުމަށް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުން މި ޤާނުނު ލާޒިމްކުރެއެވެ.
ރާއްޖެއިން ސީރިޔާއަށް ގެންދިޔަ އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރުން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ޖެހޭ ކަމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެފަރާތްތަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ބޭރު ޤައުމުތަކަށް ހަނގުރާމައަށް ގޮސް ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި ދާދި ފަހުން އަފްޣާނިސްތާން ސަރުކާރުން ހައްޔަރުކުރި 243 އައިއެސް ހަނގުރާމަވެރިންގެ ތެރޭގައި ދިވެހިން ހިމެނޭކަމަށްވެސް އެ ޤައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.