ޚަބަރު

ސްކޫލުތަކަށް މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ސްކޫލްތަކުގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާ ތަންތަނަށް ކަރަންޓް ލިބޭނެ އިންތިޒާމް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގަމުންދާ ސްކޫލްތަކުގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އިން ކަނޑައަޅާ ތަންތަނަށް ކަރަންޓް ލިބޭނެ އިންތިޒާމް ޤާއިމްކުރުމާ ގުޅޭގޮތުންވީ އެއްބަސްވުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އާއިޝަތު ޢަލީއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

ފެނަކައިން ކުރި ޓުއީޓް

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ޚިދުމަތް ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްޤީކުރުމަށް ފެންނަ ކަންތައްތައް ދެފަރާތުން ހިއްސާކުރުމާއި، މިކަން ކުރުމަށްޓަކައި ދެފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. އެގޮތުން ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ސުކޫލްތަކަށް ދިނުމާއި، ކަރަންޓްވިއުގަ ގާއިމްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްކޫލްތަކުގެ ކަރަންޓުގެ ހާލަތު ބަލާ އެސެސްމަންޓް ރިޕޯރޓް މިނިސްޓްރީއަށް ހުށަހެޅުންވެސް ހިމެނެއެވެ. މީގެ އިތުރުން ސްކޫލްތަކުގައި މިނިސްޓްރީއިން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވާމާ ޓެކްނިކަލް އަދި ފަންނީ ތަމްރީންތައް ދޭންޖެހެއެވެ.