ކުޅިވަރު

ގުއާމް އަތުން ހޯދުނު މޮޅަކީ ޓީމަށް ލިބުނު ހިތްވަރެއް: އަޝްފާގް


ގުއާމް އަތުން ހޯދުނު މޮޅަކީ ކޮލިފައިންގައި ކުރިޔަށް ހުރި މެޗުތަކަށް ނުކުތުމުގެ ކުރިން ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ޢަލީ އަޝްފާގް ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އިއްޔެ ގުއާމްގެ މައްޗަށް 1-3 އިން ރާއްޖެވަނީ ކުރި ހޯދާފައެވެ. ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަމޫހް ޢަލީއެވެ. ސަމޫހް ލަނޑުޖެހިތާ އިރުކޮޅެއް ފަހުން އޭނާއަަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ސަމޫހުގެ ބަދަލުގައި ކުޅެން ނުކުތީ ޒުވާން ޑިފެންޑަރ ހައިޝަން ހަސަންއެވެ. ރާއްޖެއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ހައިޝަން ހަސަން އަރިމަތިން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ގުއާމްގެ ޓްރަވިސް ނިކޮލާ ދިފާއުކުރި ވަގުތު އޭނާގެ ފައިގައި ޖެހި ބައިކޮޅަށް ލަނޑެކެއެވެ. ރާއްޖެއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާގްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަޝްފާގް ބުނީ، މި މެޗުން މި ލިބުނު މޮޅަކީ ކޮލިފައިންގައި ކުރިޔަށްހުރި މެޗުތަކަށް ނުކުތުމުގެ ކުރިން ޓީމަށް ލިބުނު ހިތްވަރަކަށް ވެގެންދާނެކަމަށެވެ. އަދި ކޮލިފައިންގައި މި އަހަރު ކުޅުނު ފަހު މެޗުން މޮޅެއް ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި، މި ކާމިޔާބަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތްކަމަށް ޢަލީ އަޝްފާގް ބުންޏެވެ.

ރާއްޖޭން ކޮލިފައިންގައި ކުޅުނު ފަސް މެޗުގެ ތެރެއިން މި މޮޅުވެވުނީ ރަށުން ބޭރުގައި އަދި އަމިއްލަ ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. ޗައިނާ، ސީރިއާ އަދި ފިލިޕީންސް އަތުން ވަނީ ބަލިވެފައެވެ. ރާއްޖެއަށް ދެން އޮތީ ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެއެވެ.