ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވައިފި


އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ސީ.އެޗް.އެސް.ސީގެ ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ދެވަނަ ދަންފަޅީގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޤުރުއާނުގެ ބައެއް ހިތުދަސްކުރި ކުދިންނާއި ދަސްވެނިވި ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

އެ ސްކޫލުން މިއަހަރު 216 ކުދިން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކޮށްފައިވާއިރު 64 ކުދިން ވަނީ ޤުރުއާނުގެ ބައެއް ހިތުދަސްކޮށް ޓްރޮފީއާއި ސެޓްފިކެޓް ހާޞިލުކޮށްފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ބާރަސަތޭކައަށްވުރެ ގިނަ ކުދިން ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ ކަރިކިއުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.