ސިޔާސީ

އިދިކޮޅު ފަރާތްތަކަށް ދެވެން އޮތް ދުލެއް ދެއްވާނެ - އުމަރު


އިދިކޮޅު ޕާޓީތަކާއެކު ސަރުކާރުން ފަށާފައިވާ މަޝްވަރާތަކަށް ސަރުކާރުގެ
ފަރާތުން ދެވެން އޮތް ފުރިހަމަ އެއްބާރުލުންދީ، އެ މަޝްވަރާތައް
ކާމިޔާބުކުރެއްވުމަށް ދެވެން އޮތް ދުލެއް ދެއްވާނެކަމަށް ހޯމް މިނިސްޓަރ އުމަރު
ނަސީރު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް
ރައީސް އަބްދުﷲ
ޔާމީންގެ އިސްނެންގެވުމާއެކު ފަށާފައިވާ މަޝްވަރާތަކަށް މިހާތަނަށް
އެއްބާރުލުން ދީފައިވަނީ ދެ ޕާޓީއަކުންނެވެ.



އެގޮތުން ޖުމްހޫރީ ޕާޓީއާއެކު މިދިޔަ މަހުގެ ކުރީކޮޅު ސަރުކާރުން މަޝްވަރާތައް
ފަށާފައިވާއިރު، ރޭ ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމް.ޑީ.ޕީއާއެކުވެސް
ރަސްމީ މަޝްވަރާތައް ފަށާފައެވެ. ރޭގެ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު
ދެއްވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މަޝްވަރާތަކަށް މަގުފަހިކޮށް، އިދިކޮޅު
ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތައް އިހްލާސްތެރިކަމާއެކު ކުރިއަށް
ގެންދިއުމުގައި އެފަރާތްތަކުގެ ހުށަހެޅުންތަކަށް ސަރުކާރުން ދެވެން ހުރި ދޫތައް
މިހާރުވެސް ދެއްވަމުންދާކަމަށެވެ.



" ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ
(ދޫތައް) ދޭނަން. އިގިވަޑައިގަންނަވާނެ ފަދައިން ޤާނޫނުތަކެއްގެ ތެރޭގައި
އަޅުގަނޑުމެންގެ ޤައުމު މިހިނގަނީ. އެހެންވީމަ، އެޤާނޫނުތަކުގެ ބޭނުން ހިފައިގެން
އަޅުގަނޑުމެން ގެންނަންޖެހޭ ލުއިދީ ހެދޭނީ. އަޅުގަނޑުމެން މިތިބީ އެޤާނޫނުތަކުގެ
ތެރެއިން އެމްޑީޕީއާ މަޝްވަރާ ކުރުމަށްޓަކާ ދޭންޖެހޭ ލިޔެއްވެސް ދިނުމަށް "



ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އިދިކޮޅު އެމް.ޑީ.ޕީއާއެކު
ސުލްހަވެރި މާހުލެއްގައި މަޝްވަރާތަށް ފެށިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު
ކާމިޔާބީއެއްކަމަށެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދާއިރު، ދެ ފަރާތަށްވެސް އެއްބަސްވެވޭ
ކަންތަކެއް ސިޔާސީ މަސްރަހުގައި ހުރިކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، އެމްޑީޕީއާއެކު
މަޝްވަރާތައްފެށުމުން، ސަރުކާރުން ބޭނުންވާ ތަރައްގީ ހާސިލުކުރަން ފަސޭހަތަކެއް
ލިބިގެންދާނެކަމަށެވެ.

" ހަގީގަތުގައި މިދެ ޕާޓީއަކީވެސް ވަރަށް މެޗުއަރ ދެ ޕާޓީ. މި ދެޕާޓީ
ވެރިކަންވެސް ކޮށްފި. ދެޕާޓީ އިދިކޮޅު ފަރާތެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފި.
އެހެންވީމަ، މި ދެޕާޓީ މިހާރު ސިޔާސީ މަޝްރަހުގައި ތަޖްރިބާ ކުރަންޖެހޭ ހުރިހާ
ކަމެއް ތަޖްރިބާވެސް ކޮށްފި. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި މިއީ، (މޭޖަރ
ރިކޮންސިލިއޭޝަންއަކަށް) އެންމެން ވާހަކަ ދައްކައިގެން އެއްބަސް ވެވޭގޮތަކަށް
ކަންކަން ކުރަންވީ ވަގުތު.  " އުމަރު
ވިދާޅުވިއެވެ.



" އަޅުގަނޑުމެން ގަބޫލުކުރަނީ އެމްޑީޕީއަކީ، ދިވެހި ރާއްޖޭގެ ވަރަށް
ބޮޑު އާބާދީއެއް ތަމްސީލު ކުރާ ސިޔާސީ ޕާޓީއަކަށްވެފައި، ރާއްޖޭގެ އެންމެ ބޮޑު
އެއްޕާޓީކަމަށްވާތީވެ، އެމީހުންނާ އެކުގައި ނުވަތަ އެމީހުންނާ ކުރެވޭ
މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖެ ނަމަ
މިސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ މާބޮޑަށްވެސް ފަސޭހަވާނެ. " ކަމަށް
އުމަރު ވިދާޅުވިއެވެ.



އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ދާއިރާތަކެއް ސަރުކާރުން
ވަނީ ކަނޑައަޅާފައެވެ.
އެގޮތުން މި މަޝްވަރާތަކުގައި،ސިޔާސީ ހިޔާލް
ތަފާތުވުންތައް ނައްތާލުމާއި، ޝަރުއީ ނިޒާމް ހަރުދަނާކުރުމަށް އެކުގައި
މަސައްކަތްކުރުމުގެ އިތުރުން ސަރުކާރުން ހިންގާ އިޤްތިސާދީ މަޝްރޫޢުތަކުގައި ސިޔާސީ
ހުރިހާ ފިކުރުތަކެއްގެ މީހުންގެ ބައިވެރިވުން ހޯދުން ހިމެނެއެވެ.