ޚަބަރު

"ފިޔަވަތި" ތަރައްޤީކުރުމަށް އިންޑިއާއިން 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި


ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް އިންޑިއާ ސަރުކާރުން 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދޭ އެހީގެ ދަށުން މި ޕްރޮޖެކްޓަށް ވަނީ 1,998,206 (އެއް މިލިއަން ނުވަސަތޭކަ ނުވަދިހަ އަށްހާސް ދުއިސައްތަ ހައެއް) މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މި އެހީގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށް ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީގެ ޓުއީޓް

މި މަޝްރޫޢުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްޤީކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒްރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.