ޚަބަރު

އެމްއާރުއެމް ސިޔާސީ ޕާޓިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށް ނިންމައިފި


ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށާއި، ރަޖިސްޓްރީ ސެޓިފިކެޓް މިމަހުގެ 25 ވަނަ ދުވަހު ހަވާލުކުރާނެކަމަށެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެ ޕާޓީގެ އިންތިޤާލީ ރައީސަކަށް އައްޔަންކޮށްފައިވަނީ އެޕާޓި އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. މީގެއިތުރުން 20 މެމްބަރުން ހިމެނޭ އިންތިޤާލި އެގްޒެކްޓިވް ކޮމެޓީއަކާއި ޒުވާނުންގެ ކޮމެޓީއަކާއި އަންހެނުންގެ ކޮމެޓީއެއްވެސް އެޕާޓީން ވަނީ އިންތިޚާބުކޮށްފައެވެ.

އެމްއާރުއެމް ރަޖިސްޓްރީކޮށްދީފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންގެ ނަންފުޅުގައެވެ.


ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް މިހާރުވެސް އެބައޮތެވެ. އިލެކްޝަނަސް ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕާޓީތަކުގެ މެމްބަރުން ތިބި އަދަދަށް ބަލާއިރު މިހާރު އެންމެ މެމްބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 54302 އެވެ. ދެން އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ. އެޕާޓީގައި 38020 މެންބަރުން އެބަތިއްބެވެ.