ކުޅިވަރު

ޕޮޗެޓީނޯ ވަކިކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ


ޓޮޓެންހަމްގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ދުރުކުރުމަށްފަހު އެ މަގާމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.

މޮރީނިއޯއަށް މަގާމު ހަވާލުކުރިކަން އެކުލަބުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މޮރީނިއޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި އެކުލަބުގެ ޗެއާމަން ޑެމިއަލް ލެވީ ބުނެފައިވަނީ މޮރީނިއޯއަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކޯޗު ކަމަށާއި، އެހެންކަމުން މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓްނަމްއަށް ކާމިޔާބު ހޯދޭނެކަމާއިމެދު ޝައްކު ނުކުރާކަމަށެވެ.

ކޯޗުކަމާއި ހަވާލުވުމަށްފަހު މޮރީނިއޯ ބުނީ، ޓޮޓެންހަމް ސްކޮޑުގައި ކޮލިޓީ އެބަހުރި ކަމަށާއި، ޓީމާއިއެކު ކާމިޔާބީ ހޯދަން ކެތްމަދުވެފައި ހުރިކަމަށެއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ކޯޗް ޕޮޗެޓީނޯ އަކީ މިފަހުގެ ތާރީޚެއްގައި ޓޮޓެންހަމްއަށް އެންމެ ބޮޑު އެއް ކާމިޔާބީއެއް ހޯދައިދިން ކޯޗެއެވެ. އެގޮތުން އޭނާ ވަނީ ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހިސާބަށް ޓޮޓެންހަމް ގެންގޮސްދީފައެވެ. ބެލެވޭގޮތުގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ ލީގުގައި ފަހަކަށްއައިސް އޭނާގެ ކޯޗުކަމުގެ ދަށުން ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން އެޓީމު ކުޅުނު 5 މެޗުންވެސް މޮޅެއް ނުލިބި އެޓީމް އޮތީ ތާވަލުގެ 14 ވަނާގައެވެ.

ޓޮޓެންހަމް ކޯޗުކަމާއި މޮރީނިއޯ ހަވާލުވީއިރު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން އެނާ ވަކިކުރި ފަހުން، ސްޕެއިން، ޗައިނާ އަދި ޕޯޗުގަލްގެ ކުލަބުތަކުން އޭނާ ހޯދަން މީގެ ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ ވަނީ އޭނާގެ އުފަން ޤައުމު ޕޯޗުގަލްގެ ޕޯތޯ އާއި، ސްޕެއިންގެ ރެއާލް މެޑްރިޑްއާއި، އިނގިރޭސި ކްލަބް ޗެލްސީގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.