ޚަބަރު

ޑރ. އަފްރާޝީމްގެ ރިޕޯޓް އެކުލަވާލި މެންބަރުން ހާޒިރުކުރަން ތާޢީދު - ރައީސް ނަޝީދު


ރަހުމްކުޑަގޮތަކަށް ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން އެ ކޮމިޝަނުގެ މެންބަރުން މަޖިލީހަށް ޙާޒިރުކޮށް ރިޕޯޓުގައި ވަނީ ސައްޙަ މަޢުލޫމާތުތޯ ސާފުކުރުމަށް ތާޢީދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ ވަކި މިސްރާބަކަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރައްވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ޑރ.އަފްރާޝިމްގެ މަރުގެ މައްސަލަ ވަކި އަމާޒަކަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްކުރައްވާކަމަށެވެ. ޝިޔާމް ވިދާޅުވީ އަފްރާޝިމްގެ މަރުގެ މައްސަލަ ތަޙްޤީޤްކޮށް އެކުލަވާލާފައިވާ ރިޕޯޓަކީ 5 މެންބަރުން ހިމެނޭ ކޮމިޝަނަކުން އެކުލަވާލާފައިވާ ރިޕޯޓެއްކަމަށާއި، އެ 5 މެންބަރުން މަޖިލީހަށް ޙާޒިރުކޮށް އެއީ އެ މެންބަރުން އެކުލަވާލި ރިޕޯޓެއްތޯ ސާފުކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިފައި އޮތް ޑރ.އަފްރާޝިމްގެ މަރުގެ ރިޕޯޓަކީ 5 މެންބަރުން ހިމެނޭ ކޮމިޝަނަކުން އެކުލަވާލާފައިވާ ރިޕޯޓެއް. އަޅުގަނޑު މި މަޖިލީހުގައި އެދެން މިއަދު އެ ފަސް މެންބަރުން މިތަނަށް ޙާޒިރުކޮށް އެއީ އެބޭފުޅުން ނެރުއްވި ރިޕޯޓެއްތޯ ސުވާލުކުރަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޝިޔާމްގެ ވާހަކަފުޅަށް ތާޢީދުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަނީ ޤައުމަށް ދިމާވެދާނެ ހައްސާސް މައްސަލަތަކުން މި ދައުލަތާއި ރައްޔިތުން ސަލާމަތްކުރުމަށްކަމަށެވެ. އެހެންކަމުން އެ ރިޕޯޓްގައިވާ މަޢުލޫމާތުތަކަކީ މަޖިލީހުގެ އެއްވެސް މެންބަރަކަށް ޝައްކުކުރެވޭ މަޢުލޫމާތެއްނަމަ އެ މެންބަރަކު އެދިވަޑައިގަންނަވާ ގޮތަށް އެއީ ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކުރަން އެމަނިކުފާނުވެސް ބޭނުންފުޅުވާކަމަށެވެ.

"އިއްޒަތްތެރި މެންބަރު އެދިވަޑައިގަންނަވާނަމަ އެ ފަސް ބޭފުޅުންނާއި އޭގެ އިތުރު ފަސްބޭފުޅުންނާއިވެސް މިތަނަށް ގެންނަވައިގެން އަޅުގަނޑުމެން މިކަން ސާފުކުރަންވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ވަކި މައްސަލައެއް ވަކި މިސްރާބަކަށް ގެންދިއުމަށް އެއްވެސް އިރެއްގައި މަސައްކަތްނުކުރައްވާކަމަށާއި، އެމަނިކުފާނުގެ ހަމައެކަނި އަމާޒަކީ ޓެރަރިޒަމަށް ބާރުދޭ ނެޓްވޯކެއް ރާއްޖޭގައި އޮތްތޯ ބަލާ އެކަން ހުއްޓުވުންކަމަށެވެ. އެއީ މަޖިލީހުން ކުރަންޖެހޭ މަސައްކަތެއްކަމަށާއި، ރާއްޖޭގައި އެފަދަ ނެޓްވޯކްތައް ހިންގާކަން ޤަބޫލުކުރަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންކަން މަޖިލީހުން ހުއްޓުވަންޖެހޭކަމަށްވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.