ސިޔާސީ

އެމް.ޑީ.ޕީއާއެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތައް ރޭ ފަށައިފި


އެމް.ޑީ.ޕީއާއެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ރޭ ފަށައިފިއެވެ. ރޭ ރައީސުލްޖުމްހޫރިއްޔާގެ  އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައި ގެންނެވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ. އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިޙް އަދި އެޕާޓީގެ ލީގަލް ޑިރެކްޓަރ ހިސާން ހުސެއިނެވެ.



އެމް.ޑީ.ޕީއާއެކު ސަރުކާރުން ބާއްވާ މަޝްވަރާތައް ރަސްމީކޮށް ފަށާފައިވާއިރު، ރޭގެ ބައްދަލުވުމުގައި ވާހަކަތައް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތްތަކަކާ ގުޅޭގޮތުންނެވެ. އެގޮތުން ކުރިއަށް އޮތްތާގައި މަޝްވަރާތަކުގެ އަސާސްތައް ބިނާކުރާނެ ގޮތެއްގެ މައްޗާއިމެދު ދެ ފަރާތުގެ ދެ މެދުގައި ވަނީ ހިޔާލުބަދަލުކޮށްފައިވެއެވެ. މި މަޝްވަރާތަކުގައި ސަރުކާރުން އިސްކަމެއް ދެއްވާނެ ދާއިރާތަކާއި، އެމް.ޑީ.ޕީގެ ފަރާތުން މަޝްވަރާކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ރޭގެ މަޝްވަރާތަކުގައި ވަކި ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެވިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މިތިބީ އެމް.ޑީ.ޕީއާއެކު މަޝްވަރާކޮށްގެން ދިވެހި މުޖުތަމައުއަށް ހަމަޖެހޭގޮތްތަކެއް ހޯދައިދިނުމަށް އަޒުމްކަނޑައަޅައިގެން ކަމަށާއި، މި މަޝްވަރާތަކުގެ އަލީގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އެދެވޭ ހައްލެ ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



އެމް.ޑީ.ޕީގެ ފަރާތުން ވާހަކަދައްކަވަމުން އެޕާޓީގެ ޕީ.ޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ހަތަރު ކަރުދާހެއް ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. އަދި މަޝްވަރާތަކަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވެވޭނީ ކިހާ މިންވަރަކަށްތޯއާއި، ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށް ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ކަންތައްތަކެއް އެކުލަވާލުމަށް މި މަޝްވަރާތަކުގައި ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް އެނާ ވިދާޅުވިއެވެ.



ސަރުކާރާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި، އެމް.ޑީ.ޕީގެ ފަރާތުން ހުށަހަޅާފައިވާ ހަތަރު ކަރުދާހުގައި މައިގަނޑުގޮތެއްގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މިވަގުތު ބަންދުގައި ތިބި ސިޔާސީ ފަރާތްތަކަށް ލުޔެއް ހޯދާއިދިނުމާއި، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމާއި، ހުރިހާ ޕާޓީތަކެއް ހިމެނޭހެން މަޝްވަރާގެ މާހުލެއް ބިނާކުރުމުގެ އިތުރުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރަށް ވަނީ ހުށަހަޅާފައިވެއެވެ. އެމް.ޑީ.ޕީގެ މި ހުށަހެޅުންތަކާ ގުޅޭގޮތުން ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. އެގޮތުން އެމް.ޑީ.ޕީއާއެކު ބާއްވާ ދެވަނަ ބައްދަލުވުން އެޖެންޑާކޮށްފައިވަނީ މިމަހުގެ 5ވާ އާދިއްތަ ދުވަހުގެ ރޭ ދިހައެއް ޖާހާއިރަށެވެ.