ޚަބަރު

ޕީޖީ ބިޝާމްގެ ނަން އިއުލާންކޮށް މައްސަލަ ކޮެމެޓީއަށް


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ. ޕީޖީ ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ޖުޑިޝަރީން ކޮމެޓީން ކުރިޔަށް ގެންދިޔުުގެ ހުއްދަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ދެއްވާފައެވެ.

މަޖިލީހުގެ އައު ޤަވާއިދު ބުނާގޮތުން މަޤާމުން ބޭފުޅަކު ވަކިކުރުމަށް ކޮމިޓިން ނިންމައިފިނަމަ އެ ނިންމުން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރަން ޖެހެއެވެ. އެއަށްފަހު އެ މައްސަލަ އަނެއްކާވެސް ރިޔާސަތުން ކޮމިޓީއަށް ފޮނުވަންޖެހޭނެއެވެ. އަދި ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޓިން ނިންމާ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވާ ތަޅުމުންވެސް ވަކި ގޮތެއް ނިންމަން ވޯޓަށް އަހާނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން ރައްޔިތުން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ކޮމިޓިގެ ބައްދަލުވުމުގައެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމިޓީއިން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ވައްކަމާ ފަސާދައާއި ހައްދުފަނައެޅުމާއި، ޓެރަރިޒަމާ މެދު ޕްރޮސެކިއުޝަނެއް ހިނގާފައިވާކަން ފާއިތުވި އެއް އަހަރު ފެނިފައިނުވާކަމަށް ގިނަ މެންބަރުން ފާހަގަކުރައްވާކަމަށާއި، އެކަން އެމަނިކުފާނަށްވެސް ފާހަގަވެފައިވާތީ ޖުޑީޝަރީ ކޮމިޓީން އެކަން ކުރިއަށް ގެންދިއުމަށް ހުއްދަދެއްވާކަމަށެވެ.

"މި ސިޓީގައ މިވަނީ ޤާނޫނު އަސާސީގެ 228 ވަނަ މައްދާގެ (ހ)ގައި ބުނާ ހާލަތު ދިމާވެގެންކަމަށް. މި މާއްދާގައިވަނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ މަޤާމާއި އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް ނުވަތަ އެ މަޤާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް ކުރިމަތިވެއްޖެކަމަށް ފެނިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދު ހިނގާންޖެހޭ ކަންކަން މިހުރީ." މަޖިލީހުގެ ރައީސް ކުރީގެ ނަޝީދު ވިދާޅުވިއެވެ.


މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމާބެހޭ ގޮތުން މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިޢުލާންކުރުމަށްފަހު، މަޖިލީހުގައި ބަހުސްކުރުމަކާ ނުލައި މި މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށެވެ.

ކޮމިޓީގެ ނައިބް މުޤައްރިރު މޫސާ ސިރާޖް ވިދާޅުވީ ކުރީ ފަހަރުތަކުގައި ބިޝާމްގެ މައްސަލަ ކުރިއަށް ނުދިޔަކަމުގައި ވީނަމަވެސް މިފަހަރު ބިޝާމް ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މިކަން ގެނައުމަށްފަހު ކޮމިޓީން ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ޝަރުއީ އެކި މަރުހަލާ ތަކުގައި ޕީޖީ ބިޝާމް ދައުވާތައް ކުރައްވާފައިވާގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ބިޝާމް ވަކިކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން އެމައްސަލަ ވަނީ ބާޠިލްކޮށްފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މަޖިލީހުގެ ތަޅުމާއި ހަމައަށް އެ މައްސަލަ ގޮސްފައެއްނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، އޭރު ޕީޖީ އަމަލުކޮށްފައިވާ ގޮތުންކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.