ޚަބަރު

ޕީޖީ މަޤާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގައި މާދަމާ އިޢުލާންކުރުމަށް އެޖެންޑާކޮށްފި


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވަކިކުރުމުގެ މައްސަލަ، މަޖިލީހުގައި އިޢުލާންކުރުމަށް ޖުޑީޝިއަރީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި މިކަން އިޢުލާންކުރުމަށް ޖުޑީޝިއަރީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ހިމަނުއްވައި މާދަމާގެ ޖަލްސާގެ އެޖެންޑާ މިޙާރުވަނީ މަޖިލީހުން ޢާއްމުކުރައްވާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމައި، އެކަން ރައްޔިތުން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ މިއަދުއެވެ.

ކޮމިޓީގެ ނައިބް މުޤައްރިރު މޫސާ ސިރާޖް ވިދާޅުވީ ކުރީ ފަހަރުތަކުގައި ބިޝާމްގެ މައްސަލަ ކުރިއަށް ނުދިޔަކަމުގައި ވީނަމަވެސް މިފަހަރު ބިޝާމް ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް މިކަން ގެނައުމަށްފަހު ކޮމިޓީން ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ޕީޖީ ބިޝާމް އެކި މަރުހަލާ ތަކުގައި ދައުވާތައް ކުރައްވާފައިވާގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ބިޝާމް ވަކިކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން އެމައްސަލަ ވަނީ ބާޠިލްކޮށްފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފަހަރަކު މަޖިލީހުގެ ތަޅުމާއި ހަމަޔަށް އެ މައްސަލަ ގޮސްފައެއްނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، އޭރު ޕީޖީ އަމަލުކޮށްފައިވާ ގޮތުންކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.