ކޮންމެ ދަރިވަރެއްގެ ކިބައިގައި ޠަބިޢީގޮތުން ހުރި ހުނަރުތައް ދެނެގަނެ އެކަން ކުރިއެރުވުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ގޮވާލައްވައިފިއެވެ. މިނިސްޓަރ މިހެން ގޮވާލެއްވީ ކުޅިވަރުގެ ދާއިރާއިން އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށްޓަކައި ބޭއްވި ކަލަރސް އެވޯޑްސްގައި ވާހަކަފުޅުދައްކަވަމުންއެވެ.
ކުޅިވަރުންގެ ރޮނގުން އެކި ކާމިޔާބީތައް ޙާސިލުކުރަމުން އަންނަ ދަރިވަރުންގެ ޝަރަފުގައި ބޭއްވި ކަލަރސް އެވޯޑްސް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ ކޮންމެ ކުއްޖެ ކިބައިގައިވެސް ތަފާތު ހުނަރެއް ހުންނާނެކަމަށެވެ. އަދި އެކި ކުދިން މޮޅުވާނީ އެކި ކަންކަމުގައިކަމަށެވެ.
އެހެންކަމުން އެކުއްޖެއްގެ ކިބައިގައި ނެތްކަމެއް ޙާސިލުކުރުމަށް ޓީޗަރުންނާއި ބެލެނިވެރިން ބާރުއަޅާނަމަ އެކުރެވެނީ ބޭކާރުކަމެއް ކަމުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ކޮންމެ ކުއްޖެ ކިބައިގައި ޠަބިޢީގޮތުން ހުރި ހުނަރަކާއި ޤާބިލުކަމެއް ފާހަގަކޮށް އެކަން ކުރިއަރުވަން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ކަލަރސް އެވޯޑްސްގައި ވާހަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ޤައުމުގެ ތަރައްޤީގައި ކުޅިވަރުގެ ދައުރު ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކުޅިވަރަކީ މީހާ ހަރަކާތްތެރި މީހަކަށް ހަދާ ދުޅަހެޔޮ ކަންމަތީ ބަލިތަކުން ދުރުކޮށްދޭ ކަމެއްކަމުގައެވެ. އޭގެ ސަބަބުން އޮފީސްތަކަށް ސަލާމްބުނާ ނިސްބަތް ދަށްވެ ޤައުމުގެ އުފެއްދުންތެރިކަން ނަތީޖާއެއްގެ ގޮތުން އިތުރުވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެހެންކަމުން ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ކޮންމެވެސް ބާވަތެއްގެ ކުޅިވަރެއް ކުޅުމުގައި މަޝްއޫލުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ކަލަރސް އެވޯޑަކީ ސްކޫލްކުދިންގެ ތެރެއިން ކުޅިވަރުގެ ރޮނގުން އެކި ކާމިޔާބީތައް ޙާސިލްކުރަމުންދަ ދަރިވަރުންގެ ޝަރަފުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެވޯޑެކެވެ.