ޚަބަރު

މަދިރި އާލާވުން ހުއްޓުވުމަށް ކޮންސްޓްރަކްޝަން ސައިޓްތައް ބަލަނީ

މިދުވަސްވަރަކީ ޑެންގީ ހުން ހަލުއިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް  ކޮންސްޓްރަކްޝަން އިންޑަސްޓްރީ،  މަސީ ގުޅިގެން ފަށައިފިއެވެ.ހައުސިންގ މިނިސްޓްރީއާއި މަސީ ގުޅިގެންވަނީ އެކަމަށް ޚާއްސަ ޓާސްކް ފޯސް ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އުފެދޭ ގޮތަށް ހުންނަ ތަން ތަން ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން، މާލެއާ ހުޅުމާލެއާ އަތޮޅުތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާ ސައިޓުތައް މޮނިޓަރކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސައިޓްތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ނަސޭހަތްތެރިވެ ހޭލުންތެރިކުރުވުމަށް ޚާއްސަ މަސައްކަތްތެކެއް ކުރުމަށް ނިންމާފައިވާ މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑެންގީ ކޮންޓްރޯލްކުރުމަށް ކޮންމެ މީހަކުވެސް އެމީހަކު ފަރުދީ ޒިންމާ އަދާކޮށް، ސާފުތާހިރުކަމަށް  ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާޙު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އެއްހަފްތާގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ސައިޓްތައް ސްކްރީންކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ.މި ޕްރޮގްރާމްގެ ދަށުން، މާލެއާ އަތޮޅުތަކުގެ އިތުރުން ރިސޯޓުތަކުގައި ހިނގަމުންދާ ކޮންސްޓްރަކްޝަން ސައިޓުތައްވެސް މޮނިޓަރ ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.