ޚަބަރު

މި ނަތީޖާއިން ދައްކައިދެނީ ވޭތުވެދިޔަ އެއްމަސް ދުވަހު ޓީމު ހޯދި ކުރިއެރުން - ސެގާޓް


މިނަތީޖާއިން ދައްކައިދެނީ ވޭތުވެދިޔަ އެއްމަސް ދުވަހު ޓީމު ހޯދި ކުރިއެރުން ކަމަށް ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު 3-1 ލަނޑުން ކާމިޔާބު ކުރުމަށްފަހު ވާހަދައްކަމުން ސެގާޓް ބުނީ ރާއްޖެއަށް ލިބުނީ ބޮޑު މޮޅެއްކަމަށާ، މެޗުގެ ނަތީޖާއިން ދައްކައިދެނީ ރާއްޖޭގެ ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނު މޮޅުކުޅުން ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ އެއްމަސްދުވަހުގެ ތެރޭގައި ޓީމު ހޯދި ކުރިއެރުން ކަމަށްވެސް އޭނާ ބުންޏެވެ.

ޓީމުން ގިނަ ޙަމަލާތަކެއް އުފައްދަން މަސައްކަތްކޮށް ގިނަ ޙަމަލާތަކެއް ގުއާމްގެ ގޯލަށް ފޮނުވާލުމަކީވެސް ލިބުނު ހިތްހަމަޖެހުޖެހުމެއްކަމަށް ކޯޗު ސެގާޓް ބުންޏެވެ. ސެގާޓް ބުނީ ވޭތުވެދިޔަ އެއް މަސްދުވަހުގެތެރޭގައި ޓީމުން ހޯދި ކުރިއެރުން ފެނިއްޖެ ކަމަށާ، މިއަދުގެ މެޗުގައި ކުޅުންތެރިން އަކުނިވަޔަށް ދެމުން ފަދަ މައްސަލަތައް ކުރިމަތިވުންފަދަ މައްސަލަތަކުން އަރައިގަނެވުމަކީ ޓީމުގެ ފިޓްނަސް ރަނގަޅުކަން ދައްކައިދޭ ހެއްކެކަމަށްވެސް ކޯޗު ބުންޏެވެ.

މިނަތީޖާގެ ސަބަބުން ޕިލިޕީންސްއާއި ޗައިނާ އަށް ޕްރެޝަރެއް ދެވިއްޖެތޯ ޕީއެސްއެމް ސްޕޯޓްސްއިން ކުރި ސުވާލަށް ޖަވާބުދެމުން ސެގާޓް ބުނީ ނަތީޖާގެ ސަބަބުން ގުރޫޕްގެ ހާލަތު ބަދަލުވެއްޖެ ކަމަށާ، މިހާރު ގުރޫޕްގެ ދެވަނާއިގައި އޮތް ޗައިނާ އާއި އެއް ޕޮއިންޓް ކައިރި ކުރުމުން އޭނާވެސް ހައިރާންވެއްޖެކަމަށެވެ. އޭނާ ބުނީ މިވަގުތު ހަތް ޕޮއިންޓާއެކު އޮތް ޗައިނާއާ އެއްޕޮއިންޓްއަށް ކައިރި ކުރުމުން ގަބޫލްކުރަންވެސް ދަތިކަމަށެވެ.

ސެގާޓް ބުނީ ގުއާމް މެޗުން ހޯދި ތިން ޕޮއިންޓާއެކު ލިބުނު މޮޅުން ގުއާމަށް ރާއްޖެއަށްވުރެ ކުރިހޯދަން އުނދަގޫވާނެކަމަށާއި ކުރިޔަށް ހުރި ޗައިނާ މެޗާއި ސީރިޔާ މެޗުން ކޮންމެފަދަގޮތެއްވެސް ވެދާނެކަމަށެވެ. ސެގާޓް ބުނީ އުންމީދަކީ ޗައިނާގެ ދަނޑުގައި ރާއްޖެއިން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށާއި އެކަމަށް އޭނާއަށް ކުރެވުނު ކޮންމެކަމެއް ކުރާނެކަމަށެވެ.

"މިއީ އަހަރަމެންނަށް ލިބުނު ސާފު މޮޅެއް ، މީގަ ނެތް ހަމަ އެއްވެސް ސުވާލެއް، އަހަރަމެން މޮޅަށް ކުޅެ ގިނައިރު ބޯޅަހިފަހައްޓާ ، ގިނަހަމަލާ އުފެއްދީވެސް އަހަރަމެން ، ނަތީޖާގެ ސަބަބުން އާ ހާލަތެއް އުފެދުނީ ، މިހާރު އަހަރަމެން މިއޮތީ ވޯލްޑްކަޕް ކޮލިފައިންނާ ޕޮއިންޓެއް ކައިރީގަ." ސެގާޓް ބުންޏެވެ.

ޤައުމީ ކޯޗު ސެގާޓް ބުނީ ނަތީޖާ ހޯދުމަށް މެޗުގައި އެކި ޙާލަތްތަކުގައި އެކިގޮތައް ޓީމު ބައްޓަން ކުރަންޖެހުނު ކަމަށެވެ. އޭގެ ތެރެއިން ދެތިން ޙާލަތެއް ސެގާޓް ވަނީ ފާހަގަކޮށްފައެވެ. އެއީ ފުރަތަމަ ލަނޑުޖެހި ސަމޫހް ޢަލީއަށް އަނިޔާވުމާއި ގުއާމްއިން ލަނޑެއް ޖެހުން އެހެން ޕްލޭންކަށް މަސައްކަތް ކުރަން ޖެހުނުކަމަށް ސެގާޓް ބުންނެވެ. މެޗުގެ ރާއްޖޭ ޓީމަށް ފުރަތަމަ އޭގަރައިގަ ހިމެނިގެން ނުވަދިހަ މިނިޓް ފުރިހަމަ ކުރި އަލީއަޝްފާގަށް ސެގާޓް ވަނީ ތައުރީފް ކޮށްފައެވެ. ސެގާޓް ބުނީ އަޝްފާގަށް އޭނާ މިއަދު މުޅިމެޗު ފުރިހަމަކުރަން ފުރުސަތު ދިނީ އަޝްފާގާވެސް ވާހަދެއްކުމަށްފަހު ކަމަށާއި އޭނާގެ ތަޖުރިބާއަކީ ޓީމުގަ ތިބި ޒުވާން ކުޅުންތެރިންނަށް މުހިންމު އެއްޗެއްކަމަށެވެ.

" އަޝްފާގަކީ އަދިވެސް މުހިންމު ކުޅުންތެރިއެއް، މެޗުގެ 90 މިނިޓް ހަމަވާން ދަނިކޮށް އޭނާގެ މުހުންމިކަން އޭނާ ސާބިތުކޮއްދީފި، އޭނާގެ ތަޖުރިބާ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް މުހިންމު."

މެޗުން ހޯދި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގަ ރާއްޖެ އޮތީ 6 ޕޮއިންޓް ހޯދައިގެންނެވެ. މިއީ ދެވަނައިގަ އޮތް ޗައިނާ އަށްވުރެ އެއްޕޮއިންޓް މަދު ޢަދަދެކެވެ.