ކުޅިވަރު

ގުއާމް އަތުން މޮޅުވެ، އޭޝިއަން ކަޕުގެ އުންމީދު ރާއްޖެއަށް އާވެއްޖެ


ގުއާމް 3-1އިން ބަލިކޮށް ވޯލްޑް އަދި އޭޝިއަން ކަޕް ކޮލިފައިންގެ މި އަހަރުގެ މެޗުތައް ރާއްޖެ ނިންމާލައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ޑިފެންޑަރު ސަމޫހް އަލީ އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ކޯނަރުން ބޮލުން ޖަހަ އެވެ. ރާއްޖޭގެ ދެވަނަ ލަނޑަކީ ގުއާމްގެ ޑިފެންޑަރު ފްރާންސިސް ނިކޮލޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެއެކެވެ. މި ގޯލަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލެއް ޖަހަން ހުސްކޮށް ލިބުނު ފުރުސަތު އަލީ އަޝްފާގް (ދަގަނޑޭ) އަތުން ބޭކާރުވި އެވެ.

ގުއާމުން މެޗުގެ ފުރަތަމަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ޖޯން މަޓްކިން އެވެ. ރާއްޖޭގެ ޑިފެންޑަރުންގެ ބޯމަތިން އޭނާ ފޮނުވާލި ބޯޅަ އޮއްސުނީ ގޯލުގެ ކަނަށެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައި އަލީ އަޝްފާގް އެވެ. މިއީ އޭނަ ގައުމީ ޓީމަށް ޖަހައިދިން 54 ވަނަ ލަނޑެވެ.

މި ނަތީޖާ އަށް ފަހު ރާއްޖެ އަށް ލިބިފައިވަނީ ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނަ އެވެ. ސީރިއާ އާއި ޗައިނާ އަދި ފިލިޕީންސް ހިމެނޭ ގްރޫޕް އޭގެ ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ. ކޮލިފައިންގައި ރާއްޖެ އަށް މިހާތަނަށް މޮޅުވެވުނީ ގުއާމާދެ ކޮޅަށް ކުޅުނު މެޗުތަކުން އެކަންޏެވެ.

ކޮލިފައިންގައި ބާކީ ރާއްޖެ އަށް އޮތީ ސީރިއާއާ ދެކޮޅަށް މާލޭގައި ކުޅެން ޖެހޭ މެޗައި ފިލިޕީންސާއި ޗައިނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ ދެ މެޗެވެ. މިތިން މެޗު ވެސް ކުޅޭނީ އަންނަ އަހަރު އެވެ.