ސިޔާސީ

އެމް.ޑީ.ޕީއާއެކު ސަރުކާރުން ބާއްވާ މަޝްވަރާތައް މިރޭ ފަށަނީ


އެމް.ޑީ.ޕީއާއެކު ސަރުކާރުން މިރޭ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، އެމް.ޑީ.ޕީއާއެކު ސަރުކާރުން ބާއްވާ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އެގާރަ ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ. އަދި މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ހޯމް މިނިސްޓަރ އުމަރު ނަސީރު ކަމަށާއި، އެމް.ޑީ.ޕީގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އެޕާޓީގެ ޕީ.ޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސާލިޙްކަމަށް މުއާޒް ވިދާޅުވިއެވެ.އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމް.ޑީ.ޕީން ކުރިން ބުނަމުންދިޔައީ ސަރުކާރާއެކު ބާއްވާ މަޝްވަރާތަކުގައި އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިނުކުރާނަމަ، މަޝްވަރާތަކުގައި އެޕާޓީން ބައިވެރިނުވާނެކަމަށެވެ. ނަމަވެސް އެޕާޓީގެ ނިންމުން ބަދަލުކޮށް، ނަޝީދާއިނުލާ މަޝްވަރާތަކައިގެން ކުރިއަށް ދިޔުމަށް އެމް.ޑީ.ޕީން މިހާރު ވަނީ ނިންމާފައެވެ.މި މަޝްވަރާތަކުގައި މިހާރު މިއޮތް ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ސަރުކާރަށް ހުށަހަޅާނެކަން އެމް.ޑީ.ޕީން މީޑިއާގައި ހާމަކޮށްފައިވާއިރު، އެޕާޓީގެ ފަރާތުން ޖުމްލަ ފަސް ކަރުދާހެއް ސަރުކާރަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި ކަރުދާސްތަކުގައި، މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި އިންޑިޔާ ކަނޑައެޅުމާއި، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކާ، ސިޔާސީ ފަރާތްތައް ދޫކޮށްލުމާއި، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރުން އިޖުތިމައީ އަދި އިގްތިސާދީ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހުށަހަޅާފައެވެ.އެމް.ޑީ.ޕީއާއިއެކު ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީންއެވެ.