ވިޔަފާރި

ރާއްޖޭގެ މޫދުކޮޓަރިތައް އިންޑިއާއިން ފެންނާކަށް މާގިނަ ދުވަހެއް ނެތް


ރާއްޖޭގެ ރިސޯޓުތަކުގެ 'މޫދުކޮޓަރި' ތަކުގެ ކޮންސެޕްޓް އިންޑިއާއިން ބޭނުންކުރުމަށް ނިންމައިފިއެވެ.

އިންޑިއާއިން ރާއްޖޭގެ ވޯޓަރ ވިލާ ކޮންސެޕްޓް ތަޖުރިބާކުރުމަށް ނިންމާފައިވަނީ އިންޑިއާގެ "ލަކްޝަދީޕް އާއި އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސް" ގައެވެ. މި ދެ ރަށަކީ ވެސް ރާއްޖެއެކޭ އެއްގޮތަށް މުރަކައިގެ މަތީގައި އުފެދިފައިވާ ރީތި ރަށްތަކެވެ.

މި ސަރަޙައްދު ބިނާކުރުމަށް ހަމަޖެހިފައިވަނީ ހައިލެވެލް ޓޫރިސްޓް ޑެސްޓިނޭޝަންތަކުގެ ގޮތުގައެވެ. ރާއްޖޭގެ ވޯޓަރ ވިލާތަކާއި އެއްގޮތަށް ފަރުމާކުރުމަށް ހަމަޖެހިފައިވާ މި މުޅި ޕްރޮޖެކްޓަށް 1500 ކަރޯޑު ރުޕީސް ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. މިއީ ގާތްގަނޑަކަށް 200 މިލިއަނެއްހާ ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން ލަކްޝަދީޕުގައި 125 ވޯޓަރ ވިލާ ތަރައްޤީކުރާއިރު އަންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގައި 460 ވިލާ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓަރ ވިލާތަކުގެ އިތުރުން އެ ސަރަޙައްދުގައި އާ އެއަރޕޯޓަކާއެކު ސީޕްލޭން ދަތުރުތައް ފެށުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހެލިކޮޕްޓަރގެ ޚިދުމަތާއި ފްލޯޓިންގ ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މި ޕެރޮޖެކްޓުގެ ތެރެއިން ކުރިއަށްދާނެއެވެ.

އިންޑިއާގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ މުހިއްމު މަންޒިލަކަށް އިންޑިއާ ހެދުމެވެ. ރާއްޖޭގެ ވޯޓަރ ވިލާ ނުވަތަ މޫދު ކޮޓަރީގެ ކޮންސެޕްޓަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ކޮންސެޕްޓެކެވެ. މި ކޮންސެޕްޓަކީ މިހާރު ދުބާއީ އާއި ޗައިނާއިންވެސް ތަޖުރިބާކޮށްފައިވާ ކޮންސެޕްޓުތަކެކެވެ.