ޚަބަރު

ޖަމްޢިއްޔާތަކުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ "ސެލްތައް" ހަރަކާތްތެރިވުމުގެ ޖާގަ ދީގެންނުވާނެ - މެންބަރުން


ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ "ސެލްތައް" ޖަމްޢިއްޔާތަކުގެ އުސޫލުން ހިންގޭނެ ޖާގަ ދެވިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވަނީ މިއަދު ހުށަހެޅުނު ޖަމްއިއްޔާތަކުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރާ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީއެވެ. މި ބިލުގައި މިހާރު ވާގޮތުން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ވަނީ ދީފައެވެ. ކުރީގެ ޤަވާއިދުގަިއވާގޮތުން އެ ބާރު ދީފައިވަނީ ޔޫތު މިނިސްތްރީއަށެވެ. އެ ބާރު ރައީސަށް ލިބިދިން ނަމަވެސް ޖަމްޢިއްޔާތަކުން ޖަވާބުދާރީވާންޖެހޭ ފަރާތަކީ ޔޫތު މިނިސްޓްރީކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލަށް ވާހަކަ ދައްކަވަމުން، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވީ ޖަމްޢިއްޔާތަކަކީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ޤައުމަށާއި، މުޖުތަމަޢަށް ފައިދާކުރަނިވި ކަންކަން ކުރުމުގެ މަޤްޞަދުގައި އުފެއްދޭ ޙަރަކާތެއްކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޖަމްޢިއްޔާތަކުގެ ނިވާފަތްގަނޑަކަށްވެތިބެ ބޮޑެތި ޖަރީމާތައް ހިންގައި ހަރުކަށި ފިކުރު ފެތުރުންކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.

އޭނަ ވަނީ މި ޖަމާއަތްތައް ހިންގަން މިސްކިތްތައް ބޭނުންކުރުމަކީ ކަންބޮޑުވާންޖެހޭކަމެއްކަން ފާހަގަކުރައްވާ އެފުރުޞަތު އެފަދަ ފަރާތްތަކަށް ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އިސްލާމްދީނަކީ ލޭހުއްދަކޮށް، އެކަކު އަނެކެއްގެ ފުރާނަ ހިފުމުގެ ޖާގަދޭ ދީނެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ހުށަހަޅާފައިވާ ޤަވާއިދުގެ ތެރެއިން މިފަދަ ޖަމްޢިއްޔާތައް އުވާލައި ހިންގުން ހުއްޓުވަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަމްއިއްޔާތަކުގެ ބިލަށް ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް ވިދާޅުވީ ރާއްޖެއަކީ މީގެ 800 އަހަރުކުރިން ފެށިގެން އިސްލާމް ދީނުގެހިދާޔަތުގެ މަތީގައި އޮތްޤައުމެއްކަމަށެވެ. މިވީ މުއްދަތުގައި ރާއްޖޭގައި ދީން ހިމާޔަތް ކުރީ ވަކި ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަހީމްވަނީ މަރުތަކާއި ބެހޭ ކޮމިޝަނުން ނެރެފައިވާ މަރުހޫމް ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖަމްޢިއްޔާތައް މިހާރުން މިހާރަށް އުވާލުމަށްވެސް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އެއްވެސް ޖަމްއިއްޔާއަކުން ޤައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލޭގޮތަށް ބަޔާންނެރެ، މީހުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ގޮތަށް އަމަލުކުރަން ޖާގަ ދީގެން ނުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މިމައްސަލާގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓުން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް މިންވަރު ހާމަވާކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި މިކަންކަމަކީ ޤާނޫނީ ބާރުދީގެން ހުއްޓުވަންޖެހޭ ކަންތައްތަކެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޖަމްޢިއްޔާތަކާއި ބެހޭ ބިލަކީ 11 ބާބެއް ހިމެނޭ 81 މާއްދާގެ ބިލެކެވެ. މިބިލަކީ ކޮންމެ މީހަކަށްވެސް ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެކުލާލާފައިވާ ބިލެކެވެ. މިބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އުސޫލުތައް ބަޔާންކޮށް، ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.