ޚަބަރު

ލަންކާގެ އައު ސަރުކާރުން ރާއްޖެއާއެކު ގާތް ގުޅުންތަކެއް ބަދަހިކުރާނެކަމުގެ ޔަޤީންކަން ދީފި


ސްރީ ލަންކާގެ އައު ސަރުކާރުން ރާއްޖެއާއެކު ގާތް ގުޅުންތަކެއް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން އެ ޤައުމުގެ ރައީސްކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ގޮތަބަޔާ ރާޖަޕަކްސަ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ލަންކާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓުވީޓާ ގުޅިގެން، ސްރީ ލަންކާގެ އައު ރައީސް ގޮތަބަޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން އެގޮތުން ލަންކާއަށް ކުރިމަތިވި ކޮންމެ ކަމެއްގައި ރާއްޖެއިން ފޯރުކޮށްދޭ އެހީތެރިކަން ރައީސް ގޮތަބަޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސްރީ ލަންކާގެ އައު ސަރުކާރުން ރާއްޖެއާއެކު ގާތް ގުޅުންތަކެއް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަންވެސް ގޮތަބަޔާ ވަނީ ދެއްވާފައެވެ. އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި އަވަސް މުސްތަޤްބަލެއްގައި ބައްދަލުވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

ލަންކާގެ ރައީސް ކުރެއްވި ޓުއީޓް

ސްރިލަންކާގެ ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ ގޮތަބަޔާ ލަންކާ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ކުރެއްވި ޓުއީޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަދާއިހަމައަށް ލަންކާއާއެކު އޮތް ގާތް ގުޅުން އިންތިޚާބީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަމުގައިވެސް ދެމިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން އައު ސަރުކާރާއެކު އިތުރު ދާއިރާތަކުން ބަދަހިކުރުމަށް ބޭނުންފުޅުވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުއީޓް