ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި މޮރޮކޯ މަޝްވަރާކޮށްފި


އިޢާދަކުަނިވި ހަކަތައިގެ ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމ ބެހޭގޮތުން ރާއްޖެއާއި މޮރޮކޯއާއި ދެމެދު މަޝްވަރާކޮށްފިއެވެ.

ރާއްޖެއިން މިމަޝްވަރާތަށް ކޮށްފައިމިވަނީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިހާރު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޮރޮކޯގެ، މޮރޮކަން ސޯލަރ އެނަރޖީ އޭޖެންސީ (މާސެން)ގެ ޗެއަރމަން މުސްތަފާ ބަޚޫރީއާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ، މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރަން މޮރޮކޯއިން ކުރާ މަސައްކަތްތަށް ތަޢުރީފްކުރައްވާފައެވެ. އިޢާދަކުރަނިވި ހަކަތައިގެދާއިރާއިން އެފްރުކާ ބައްރުގެ މައި ހަބަކަށް މޮރޮކޯހައްދަވައި އެންމެ އިސް ލީޑަރަކަށް ވެވަޑައިގަތުމަށް މޮރޮކޯގެ ރަސްގެފާނު ލޯންޗްކުރައްވާފައިވާ ޤައުމީ ހަރަކާތްތައް ރާއްޖޭގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން 2030ވަނަ އަހަރު އައުމުގެ ކުރިން މޮރޮކޯއިން ބޭނުންކުރާ ކަރަންޓުގެ 52 އިންސައްތަ ކަރަންޓު އިޢާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވެއެވެ. މިއަމާޒަކީ މުޅިދުނިޔެއިން މިސާލު ލިބިގަންނަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މޮރޮކަން ސޯލަރ އެނަރޖީ އޭޖެންސީ (މާސެން)ގެ ޗެއަރމަން އަދި ކަސަބްލަންކާގެ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާ މުސްތަފާ ބަޚޫރީ ވަނީ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރަން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މި ބައްދަލުވމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމު ގުޅިގެން މިދާއިރާއިން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އިއާދަކުރާ ހަކަތައިގެދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ކުރައްވާފައިވާ ޓުއީޓް

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުވަނީ އެ ޤައުމުގެ ބޮޑުވަޒީރާއި، ޚާރިޖީ ވަޒީރުގެ އިތުރުން މޮރޮކޯގެ ހައުސް އޮފް ރިޕްރެސެންޓޭޓިވްސްގެ ރައީސާވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން 90 ދުވަހުގެ އޮން އެރައިވަލް ވިސާގެ އެއްބަސްވުމަކާއި، ދެ ޤައުމުގެ ޚާރިޖިއްޔާގެ ގުޅުން ބަދަހިކުރުމާއި އިސްލާމްދީނާއި ގުޅޭ ކަންކަމުގައި އެއްބާރުލުންދިނުމަށް ވަނީ އެއްބަސްވެފައެވެ. ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ.