ޚަބަރު

ޑެންގީ އާއިބެހޭ މައުލޫމާތު މީޑިއާތަކަށް ދީފި


ހެލްތު މިނިސްޓްރީ އާއި އެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗް.ޕީ.އޭ އިން ޕަބްލިކް ސާވިސް މީޑިޔާ ޕީ.އެސް.އެމް އަށާއި މީޑިޔާ ތަކަށް ޑެންގީ ހުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފިއެވެ.މި ދުވަސްވަރު ރާއްޖޭގައި އާންމުވަމުންދާ ޑެންގީ ހުމާއި ގުޅޭގޮތުންނާއި އެބަލީގެ ޚަބަރުތައް އާންމުންނަށް ގެނެސްދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މީޑިޔާ ތަކަށް މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި މި ސެޝަންގައި، ޑެންގީހުމުގެ ޢަލާމާތްތަކާއި މަދިރިން ރައްކާތެރިވާނެ ގޮތާއި އަދި ބަލި ޖެހުމުން ހަދަންޖެހޭ ގޮތުގެ މައްޗަށް  މަޢްލޫމާތުދީފައިވެއެވެ.ރޭގެ ސެޝަނަށް ފަހު ޕީއެސްއެމަށް ދެއްވި އިންޓަރ ވިއުއެއްގައި ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ހަދީޖާ އަބްދުއްސަމަދު ވިދާޅުވީ މިފަދަ ބަލިމަޑުކަން ފެތުރޭ ކޮންމެ ވަގުތެއްގައި ވެސް އާންމުންނަށް ސައްހަ މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިޔާ ތަކުން ބޮޑު ދައުރެއް އަދާކޮށްދޭން ޖެހޭކަމަށެވެ.ރޭގެ ސެޝަން ގައި ބައިވެރިވި ބައެއް ނޫސްވެރިން ބުނީ މި ސެޝަންގެ ސަބަބުން ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް އެނގިގެން ދިޔަކަމަށެވެ.އާންމުންނަށް ޑެންގީހުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް މި ސެޝަންގެ ސަބަބުން ފަސޭހަ ވެގެންދާނެ ކަމަށް ސެޝަންގައި ބައިވެރިވި ނޫސްވެރިން ބުނެފައިވެއެވެ.ޑޭންގީއާ ގުޅޭ ގޮތުން މަޢްލޫމާތު ހޯއްދެވުމަށް އެޗްޕީއޭއިންވަނީސައްވީސްގަޑިއިރު ގުޅޭނެ ހާއްސަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ. މި ހޮޓްލައިންގެ ނަމްބަރަކީ 7548221 އެވެ.