ވިޔަފާރި

ހުޅުމާލެ އެންސިސް ދަޅުމަސް ފެކްޓްރީއަށް 300 މުވައްޒަފުން ހޯދަނީ


އެންސިސް ދަޅުމަސް ފެކްޓްރީއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ ކުންފުނިން އޯޕަންޑޭއެއް ބާއްވަން ހަމަޖައްސައިފިއެވެ. އެންސިސްއިން ބުނީ، އެ ކުންފުނިން މުވައްޒަފުން ހޯދަނީ ހުޅުމާލޭ ދަޅުމަސް ފެކްޓްރީއަށްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންސިސްއިން ބުނީ އެ ކުންފުނިން ބާއްވާ އޯޕަންޑޭ ބޮޑަށް އަމާޒްކުރަނީ ވަޒީފާ ބޭނުންވެފައިތިބި އަންހެނުންނަށްކަމަށެވެ. މި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭ 8އިން 10އަށް ހުޅުމާލޭގައި ހުންނަ އެންސިސްގެ ދަޅުމަސް ފެކްޓްރީގައެވެ.

އެންސިސްއިން ބުނީ މިއޯޕަންޑޭގައި 300 ވަޒީފާ ހުޅުވާލާނެކަމަށެވެ. އެންސިސްއިން މި އޯޕަންޑޭ ބާއްވަނީ އެ ކުންފުނިން ހުޅުމާލޭގައި އަލަށް ހުޅުވާ ފެކްޓްރީއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށެވެ.

މި އޯޕަންޑޭގައި ކުޑަކުދިންނަށް ޙާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަވީރު 4އިން 6އަށް އެންސިސްގެ މަސައްކަތްތައް ކުރިއަށްދާގޮތް ކުޑަކުދިންނަށް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

2002ވަނަ އަހަރު އުފެއްދި އެންސިސް ކުންފުނިން އަންނަނީ ތާޒާ ކަނޑުމަހާއި، ސީފުޑްގެ އެކި ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަމުންނެވެ. އޭގެތެރޭގައި ޔޫރަޕް، ޔޫއެސްއޭ، ޖަޕާން، އޮސްޓްރޭލިޔާ އަދި ޗައިނާ ހިމެނެއެވެ.