ޚަބަރު

ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރު ނުހިމަނާނަމަ ޑިސެމްބަރު މަހުން ފެށިގެން ފިޔަވަޅުއަޅާނެ


އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފޮޓޯ ޖެހި ސިއްޙަތުގެ އިންޒާރާ ނުލާ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކާނަމަ ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ނެރުނު ޢިއުލާނެއްގައި ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުޢާމަލާތެއް ހިންގާނަމަ ހުންނަންވާނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ފޮޓޯ ޖަހާ ލޭބަލްކޮށްފައެވެ. ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އިންޒާރުގެ ލޭބަލާއި ނުލާ ދުންފަތުގެ ވިޔަފާރިކުރުމަކީ މަނާކަމެއްކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޤަވާއިދާ ޚިލާފަށް މިފަދަ މުޢާމަލާތެއް ހިންގައިފިނަމަ އެފަރާތަކުން ޤަވާއިދާ ޚިލާފަށް ވިއްކި ދުންފަތުގެ ބާވަތުގެ އަގާއި އޭގެ ޓެކްސް ފައިސާއާއި އެހެނިހެން ފީތަކުގެ ޖުމްލަ ޢަދަދުގެ 10 ގުނައިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރަށް މިކުށް ތަކުރާރުކޮށްފިނަމަ ފީތަކުގެ 10 ގުނައިގެ އިތުރުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 3 ވަނަ ފަހަރުނަމަ ފީތަކުގެ ދިހަ ގުނައިގެ އިތުރުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 4 ވަނަ ފަހަރުނަމަ ފީތަކުގެ ޖޫރިމަނާގެ ދިހަ ގުނައިގެ އިތުރުން 20000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި 5 ވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ ޤާނޫނުގައި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިޤަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތެއް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ އެތަކެތި ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ނައްތާލުމުގެ ބާރު މިޤަވާއިދުން މިނިސްޓްރީއަށް ލިބިދެއެވެ. އަދި މިފަދަ ކަމެއް ހިނގާތޯ މޮނީޓަރ ކުރޭތޯ ބެލުމަކީވެސް މިޤަވާއިދުގެ ދަށުން މިނިސްޓަރ އޮފް ހެލްތުގެ ޒިންމާއެކެވެ.