ޚަބަރު

އަދުލު އިންސާފު ޤާއިމްކުރެވޭނީ އިންސާފްވެރި ފަޑިޔާރުގެއެއް ލިބިގެން - މެންބަރުން


ރާއްޖޭގައި އަމާންކަން ޤާއިމްކޮށް، އަދުލު އިންސާފު ޤާއިމްކުރެވޭނީ އިންސާފްވެރި ފަޑިޔާރުގެއެއް ލިބިގެންކަމުގައި މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީން ހުށަހެޅި ރިޕޯޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ އިންސާފު، ޤާއިމްކުރެވޭނީ ޝަރުއީ މަރުހަލާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ނަޒާހާތްތެރި ބަޔަކަށް ވެގެންކަމަށެވެ. އަދި ފަޑިޔާރަކު މަޤާމުން ވަކިކުރުމަކީ ކުޑަކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ހަމަޔާއި އުސޫލުތަކުން ބޭރުން ކޮމިޝަންތަކާއި، ޝަރުއީ ދާއިރާގެ އެތައް ފަރާތަކަށް ނުފޫޒު ފޯރުވައި، ނުރަނގަޅު ހުކުމްތައް ކުރި ބޭބޭފުޅުން އެމަޤާމުތަކުގައި ތިބުމަކީ އިންސާފެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ ފަޑިޔާރުން މަޤާމުތަކުން ވަކި ކުރެވޭނީ ވަކި އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެންކަމަށެވެ. ނަމަވެސް ރައީސް ޢަބްދުއްﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އޭރުގެ އުއްތަމަ ފަޑިޔާރަކަށް ހުންނެވި ޑރ.އަޙްމަދު ފާއިޒުއާއި، ސްޕްރީމްކޯޓުގެ ފަޑިޔާރު މުއުތަސިމް އަދުނާނުގެ އިބާރުނެތްކަަމަށް ފާސްކޮށްފައިވަނީ އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުޞަތެއްވެސް ނުދީކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހުން އެ ވެރިކަމުގައި އުއްތަމަ ފަޑިޔާރަކަށް އައްޔަންކުރެއްވި ޢަބްދުﷲ ސައީދު މަޤާމުން ވަކިކޮށްފައިވަނީ ޖަލުގައި ބަންދުކޮށް މަޖިލީހުގައި ނެގުނު ވޯޓަކުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ފަޑިޔާރުންނާމެދުވެސް އަދި އެހެން ފަރާތަކާއިމެދު އަމަކުރެވޭނެ ގޮތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޑިޔާރުންގެ މައްސަލައެއްނަމަ އޮންނަ ހަމަތަކުގެ މަތިން ޖޭއެސްސީން ބަލަންޖެހޭބެލުންތައް ބެލުމަށްފަހު، ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރަންޖެހޭކަމަށްވެސް އަޙްމަދު ޢަބްދުﷲ ޝަފީގް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ފަޑިޔާރުންނަށްވެސް އޮތް ޔަޤީންކަމަކީ ހަމަހަމަކަމާއި އިންސާފު ވެރިކަމާއެކު ކަންކަން ކުރެވޭނެ މާހައުލެއް އޮތުންކަމަށެވެ.

މިމައްސަލަ ދިރާސާކުރެއްވި ޖުޑިޝަރީ ކޮމިޓީގެ މެންބަރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވީ އެކޮމިޓީން މަސައްކަތް ކޮށްފައިވަނީ ޖޭއެސްސީން މިކަމުގައި އަމަލުކޮށްފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށްކަމަށެވެ. އަދި ކޮމިޓީން ބެލި ބެލުމުން ޖޭއެސްސީން މިމައްސަލާގައި، ޖޭއެސްސީގެ ޤަވާއިދުގެ 22 ވަނަ މާއްދާއާއި 33 ވަނަ މާއްދާގައި ބުނާ ހުރިހާ އިޖުރާތެއް ފުރިހަމަކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ކޮމިޓީން ބެލިބެލުމުން މި ދެބޭފުޅުންނަކީވެސް ފަޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ޚިލާފްވެފައިވާ ބޭފުޅުންތަކެއްކަން ހާމަވެފައިވާކަމަށެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މިދެބޭފުޅުން މަޤާމުން ވަކިކުރުމަށްފަހު އައްޔަން ކުރާ 2 ބޭފުޅުންނަކީ ނަޒާހާތްތެރި، ފަޑިޔާރުންގެ ޝަރުތުތައް އެންމެ މަތީ މިންގަނޑަށް ހަމަވާ ބޭފުޅުން ހެދުމަށްވެސް މެމްބަރުންވަނީ ވިދާޅުވެފައެވެ.